ޒަކިއްޔާ މަރުގެ ތަހުގީގަށް އެފްބީއައިގެ އެހީ ހޯދަނީ
ނ. ހޮޅުދޫ، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ތަހުގީގަށް އެފްބީއައިގެ އެހީތެރިކަން ހޯދަނީ އިތުރު ބައެއްގެ ރައުޔު ހޯދުމުގެ ގޮތުން ކަމަށެވެ. ތަހުގީގުގައި ދިވެހި ފުލުހުން ހޯދާފައިވާ ހޯދުންތައް އެފްބީއައިއާ ހިއްސާކޮށް އެހީތެރިކަން ހޯދަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ދިވެހި ފުލުހުންގެ ސީނިއަރ ތަހުގީގު ޓީމެއް މި މައްސަލަ ރިވިއު ކުރުމަށްޓަކައި ނ. ހޮޅުދޫއަށް ޒިޔާރަތްކޮށް މި މައްސަލައިގެ ތަހުގީގު މުރާޖައާކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ ކަމަށެވެ.
ފުލުހުން އެފްބީއައިގެ އެހީތެރިކަން ހޯދާކަމަށް ބުނެފައިވަނީ ފުލުހުންގެ ތަހުގީގާ މެދު ސުވާލު އުފެއްދުމުގެ އިތުރުން, ތަހުގީގު ލަސްވަމުންދާކަމަށް ބުނެ ހޮޅުދޫ ރައްޔިތުން އިހުތިޖާޖު ކުރަމުން ދަނިކޮށެވެ. ހޮޅުދޫ ރައްޔިތުން އެކުގައި ނިކުމެ ޒަކިއްޔާގެ މަރާމެދު އޮތް ކަންބޮޑުވުމާއި, ތަހުގީގާމެދު ހުރި ކަންބޮޑުވުންތަކުގެ އަޑު ތިންފަހަރެއްގެ މަތީން ވަނީ އުފުލާފައެވެ.
ޒަކިއްޔާ މަރުވީ އަމިއްލައަށް ކަމަށް ހޮޅުދޫ ރައްޔިތުން ގަބޫލެއް ނުކުރެއެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ޒަޚަމްތަކަކާއެކު ދިރިއުޅޭ ގޭގެ ގުދަނެއްގެ ތެރެއިންނެވެ.
ރިއެކްޝަންސް