އެމެރިކާގެ ކުރީގެ ރައީސް އަދި ނޯބަލް ސުލްޙައިގެ އިނާމު ޙާސިލްކުރެއްވި ޖިމީ ކާޓަރ 100 އަހަރުގައި އަވަހާރަވެއްޖެ
އެމެރިކާގެ 39 ވަނަ ރައީސް, ޖިމީ ކާޓަރ އުމުރުފުޅުން 100 އަހަރުގައި އަވަހާރަވެއްޖެއެވެ. 2015 ވަނަ އަހަރުން ފެށިގެން ކެންސަރު އާލާސްކަން ފުޅަށް ފަރުވާ ހޯއްދަވަމުން އަންނަ ކާޓަރ ފަރުވާހޯއްދަވަމުން ގެންދެވީ ގޭގައި އޮންނަވައިގެންނެވެ. އަވަހާރަ ވީއިރުވެސް އޮންނެވީ ޖޯޖިއާގެ ޕްލެއިންސްގައި ކާޓަރ ގެ އަމިއްލަ ގެކޮޅުގައެވެ.
ޖޯޖިއާގެ ޕީނަޓް ހައްދާ ދަނޑުވެރިއަކުން އެމެރިކާގެ ރައީސްކަމަށް 1976 ވަނަ އަހަރު ވަޑައިގެންނެވި ކާޓަރ އެއް ދައުރު އެމެރިކާގެ ރައީސްކަން ކުރެއްވިއިރު 2002 ވަނަ އަހަރު ވަނީ ނޯބަލް ސުލްޙައިގެ އިނާމް ހާސިލްކުރައްވާފައެވެ.
ކާޓަރ ނޯބަލް ސުލްހައިގެ އިނާމް ޙާސިލްކުރެއްވީ އިންސާނީ ޙައްގުތަކާ ގުޅޭގޮތުން ރައީސްކަމުގައި ހުންނެވި އިރު, އަދި އޭގެ ފަހުންވެސް ކުރައްވާފައިވައި އަގުހުރި މަސައްކަތްތަކު ސަބަބުންނެވެ. މެދުއިރު މަތީގެ މައްސަލަ ޙައްލުކުރެއްވުމަށް ޙާއްސަ އިސްކަމެއް ދެއްވި ކާޓަރ އަކީ އިޒްރާއިލް އާއި މިޞްރުގެ ސުލްޙައިގެ އެއްބަސްވުން (ކޭމްޕް ޑޭވިޑް އެކޯޑް-1978) ގެ މެދުވެރިޔާވެސް މެއެވެ. އެކިފަހަރުމަތިން ފަލަޞްޠީނާއި އިޒްރާއިލްގެ މައްސަލަ ޙައްލުކުރެއްވުމަށް އެމެރިކާގެ އެހެން ވެރިއަކު ނުދެއްވާ އަހައްމިޔަތުކަން ކާޓަރ ދެއްވިއެވެ.
ވެރިކަމަށް ވަޑައިގެންނެވިއިރު އެމެރިކާގެ ގޯސްވެފައިވާ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރެއްވުމަށް ގިނަގުނަ މަސއްކަތް ކުރެވި ކާޓާރގެ ވެރިކަން ދެވަނަ ދައުރަކަށް އިންތިހާބު ނުވީ އީރާނުގެ ރަހީނުންގެ މައްސަލަ ޙައްލުނުރެވި 1980 ގައި ރޮނާލްޑް ރޭގަން އާ ވާދަކޮށް ނާކާމިޔާބުވެ ވަޑައިގަތުމުންނެވެ.
ކާޓަރ ގެ މަރާ ގުޅިގެން އެމެރިކާގެ ވައިޓްހައުސްއިން ނެރުނު ބަޔާނެއްގައި ކާޓަރ ގެ ވަކިވުމުގެ ހިތާމައިގައި ޖެނުއަރީ 9 ވަނަ ދުވަހަކީ މުޅި އެމެރިކާގެ ހުރިހާ ސްޓޭޓޭއްގައި ޤައުމީ ހިތާމައިގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ.
އެމެރިކާގެ ރައީސުންގެ ތެރެއިން އެންމެ ގިނަ ދުވަހު ދުނިޔޭގައި ހުންނެވި ކާޓަރ ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމެރިކާގެ ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައެވެ. ކާޓަރގެ ޙިދުމަތް, ޙާއްސަކޮށް އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ވެރިކަމުގައި ހުންނެވިއިރަށްވުރެ ވެރިކަމުގެ ފަހުން މާބޮޑަށް ފެނިވަޑައިގެންފައިވެއެވެ. އަދި އެކަން ދުނިޔެއިން ބަލައިގެންފައިވެސް ވެއެވެ.
ރިއެކްޝަންސް