ފެނަކަ އެމްޑީ މުއާޒު އިސްތިއުފާ ދެއްވައިފި
ޚަރަދުތައް ކުޑަކުރަން އެއްބާރުލުން ނުލިބުނު
ފެނަކައިގެ އެމްޑީ މުއާޒު މުހައްމަދު ރަޝީދު އިސްތިއުފާ ދެއްވައިފިއެވެ.
ސޯޝަލް މީޑިޔާގައި އޭނާ ޢާއްމުކުރެއްވި އިސްތިއުފާގެ ސިޓީގައި ބުނެފައިވަނީ ކުންފުނި ހިންގުމަށް ކުރިމަތިވި ގިނަ ގޮންޖެހުންތަކާއެކުވެސް ޚިދުމަތް މެދުނުކެނޑި ޚިދުމަތް ފޯރުކޮށްދޭން ކުރި މަސައްކަތުން އެދެވޭ ނަތީޖާއެއް ހާސިލް ކުރެވުނު ކަމަށެވެ. ނަމަވެސް ފެނަކަ ވެއްޓިފައިވާ ހާލަތުން، ކުންފުންޏަށް ލިބޭ އާމްދަނީން ކުންފުނި ހިންގުމަކީ މުސްތަހީލު ކަމެއް ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފެނަކައިން ޚިދުމަތް ފޯރުކޮށްދޭ ގިނަ ރަށްރަށުގެ ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތް މެއިންޓެނެންސްކޮށް ބަލަހައްޓާފައިވެސް ނުވާކަމަށެވެ. އަދި ކުރިން އޮތް ބެކްލޮގްވެސް އެއްކޮށް ބެކްލޮގްވެސް އެއްކޮށް ރަނގަޅުކުރެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ހަވާލުވިއިރު ކުންފުނީގެ ދަރަނިވެސް އޮތީ 4.3 ބިލިއަން ރުފިޔާގައި ކަމަށާއި، ކުންފުންޏަށް ބޭނުންވާ އަދަދަށްވުރެ އެތައް ގުނައެއް އިތުރަށް ވަޒީފާވެސް ހަމަޖައްސަން ޖެހުނު ކަމަށް ވިދާޅުވިއެވެ.
"އަދި ކުންފުނި ރައިޓްސައިޒް ކުރުމަށް އެކަށީގެންވާ އެއްބާރުލުމެއް ކަމާގުޅުންހުރި ނުލިބުމާއި ކުންފުންޏަށް ލިބޭ އާމްދަނީއަށްވުރެ ކުރަންޖެހޭ ޚަރަދު އިންތިހާއަށް އިތުރުވެފައިވާތީއެވެ" މުއާޒު ސިޓީގައި ވިދާޅުވެފައި ވެއެވެ.
މުއާޒު ވިދާޅުވީ އުނދަގޫތަކާއެކުވެސް މިދިޔަ އެއް އަހަރުގެ ތެރޭގައި ކުންފުނީގެ ޚަރަދުތައް ކުޑަކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ހަމައެކަނި ހިންގުމުގެ ޚަރަދުތައް ކުޑަކޮށްގެން ކުންފުނި ވެއްޓިފައިވާ ހާލަތުން ސަލާމަތް ނުކުރެވޭނެ ކަމަށް މުއާޒު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި ސިޓީގައި ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުންފުނީގެ ޚަރަދުތައް ކުޑަކުރަން ތައްޔާރުކުރި ޕްލޭންތަކަށް ކަމާގުޅުންހުރި ފަރާތްތަކުގެ އެއްބާރުލުން ނުލިބުނު ކަމަށެވެ. މިދިޔަ ދެމަހުގެ މުސާރަވެސް މަސް ފެށުނު އިރު ދެވިފައިނުވާކަން މުއާޒު ފާހަގަ ކުރައްވާފައި ވެއެވެ. އެއީ ފަހުގެ ތާރީޚެއްގައި ދިމާވި ކަމެއް ނޫންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މުއާޒު އިސްތިއުފާ ދެއްވާފައި މިވަނީ އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝޯދު އިސްތިއުފާ ދެއްވިތާ ދެދުވަސް ވެސް ނުވަނީހެވެ.
ރިއެކްޝަންސް