ގޯތި ނުލިބޭ ބަޔަކަށް ގޯތި ދިން މައްސަލައިގެ ތަހުގީގަށް ފުލުހުން އެޗްޑީސީއަށް ވަދެއްޖެ
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގަށް ފުލުހުން އެޗްޑީސީއަށް ވަދެއްޖެއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ފުލުހުން ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމަށް ބެލެވޭ މައްސަލައެއް ފެންމަތި ވުމާ ގުޅިގެންނެވެ. ފުލުހުން މީޑިޔާތަކަށް ހިއްސާކުރި މެސެޖްގައި ބުނީ އެމައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ހިންގަމުންދާ ކަމަށެވެ. ފެންމަތި ވެފައިވަނީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ ކޮއްކޮވެސް ހިމެނޭ ގޮތަށް ބަޔަކަށް ގޯތި ތަކެއް ދިން މައްސަލައެކެވެ.
އެމައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކެއް ސޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ. އޭގެތެރޭގައި އެމީހުންނަކީ (ދެމީހެއް) ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދުނުވެސް ބައެއް ނޫންކަން ބަޔާންކޮށް ހައުސިންގ މިނިސްޓްރީން އެޗްޑީސީއަށް ފޮނުވި ސިޓީއެއްވެސް ހިމެނެއެވެ. އެސިޓީ ހައުސިންގ މިނިސްޓްރީން ފޮނުވާފައިވަނީ ދެ މީހެއްގެ ގޯތީގެ ވަށާފާރު ރޭނުމުގެ ހުއްދައަށް އެދި ހައުސިންގ އަށް ފޮނުވި ސިޓީއަކަށް ދެއްވި ޖަވާބެއްގައިކަން އިނގެއެވެ.
އެޗްޑީސީއަށް ކޮރަޕްޝަންގެ ތިހުމަތުތަކެއް ކުރަމުންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ.
ރިއެކްޝަންސް