ޕެނަލްޓީގައި ފުވައްމުލަކަށް ނާކާމިޔާބު, އަލިފުށި ސެމީއަށް
މެޗުގެ ތެރެއިން ކުރި ހޯދުމަށްފަހު ފުވައްމުލަކު ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ޙަފްޞީ

ޕެނަލްޓީގައި ފުވައްމުލަކަށް ނާކާމިޔާބު, އަލިފުށި ސެމީއަށް

3 hours ago - 19:26
Dec 19, 2024 - 19:27

ނައިންޓީ ޕްލަސް ގޯލްޑްކަޕްގެ ކްއާޓާ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން ފުވައްމުލަކަށް ނާކާމިޔާބުވެ, އަލިފުށި ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

ފުވައްމުލައް ސިޓީއާއި ރ.އަލިފުށި ވާދަކުރި މުބާރާތުގެ ކްއާޓާ ފައިނަލް ތިންވަނަ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 ން ދެޓީމް އެއްވަރުވެގެންނެވެ.  މެޗުގައި ފުރަޔަމަ ލީޑް ނެގީ އަލިފުށިންނެވެ. ލީޑް ނަގައިދިނީ ގައުމީ ޓީމްގެ މިޑްފީލްޑަރ ހުސައިން ނިހާން (ނިހާޓް) އެވެ. އެކަމަކު ހާފް ނިމުނީ 2-1 ން ފުވައްމުލައް ކުރީގައި އޮވެގެންނެވެ. ފުރަތަމަ ހާފްގައި ފުވައްމުލައް ސިޓީން ގާތްގާތުގައި ދެގޯލް ޖަހާ އިތުބާރު ހޯދިނަމަވެސް, އެލީޑް ދެވަނަ ހާފްގައި ނުދެމެހެއްޓުނެވެ. އިސްމާއީލް އާސިފް (ކުޑަހީނާ)ގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އަލިފުށި ޓީމަށް ދެވަނަ ހާފްގައި ނަތީޖާ ހަމަހަމަ ކޮށްދިނީ އަހުމަދު ސަމީޒްއެވެ.

މުބާރާތުގެ ފުރަތަމަ ބުރުގައި ސައްތައިން ސައްތަ ރެކޯޑަކާއެކު ދެވަނަ ބުރަށް ދަތުރުކޮށް, ގުރުއަތުން ކްއާޓާފައިނަލްގެ ޖާގަ ހޯދި ފުވައްމުލަކަށް ބަދުނަސީބު ކުރިމަތިވީ ޕެނަލްޓީގައެވެ. ސޮބާހު މުޙައްމަދުގެ އިރުޝާދުގެ ދަށުން ވާދަކުރި ފުވައްމުލަކުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ އަލިފުށި ކީޕަރު އަބްދުއްސަދާދު މަތަކުރިއެވެ. އެއީ ބިދޭސީ މިޑްފީލްޑަރ އަހުމަދު މަހުމޫދު ފައްތާހު ޖެހި ޕެނަލްޓީ އާއި މުޙައްމަދު ސާދު ނިޒާރު ޖެހި ޕެނަލްޓީ އެވެ. މީގެތެރެއިން އަހުމަދު މަހުމޫދު ފައްތާހު އަކީ ކުޅުމުގެ ތެރެއިން ފުވައްމުލަކަށް ދެވަނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. އޭނާ ލަނޑު ޖެހީ ހިލޭޖެހުކަމުންނެވެ. ކްއާޓާ ފައިނަލް މެޗުގެ ހީރޯއަކީ އަލިފުށި ކީޕަރެވެ.

Advertisement
Advertisement

އަލިފުށިން ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއެވެ. ނާކާމިޔާބުވީ އަހުމަދު ވިޖުދާން ޖެހި ޕެނަލްޓީ އެވެ.

އަލިފުށި ސެމީފައިނަލްގައި ވާދަކުރަން ޖެހޭނީ މިރޭ އައްޑޫ ސިޓީއާއި ކ.މާފުށި ވާދަކޮށް މޮޅުވާ ޓީމަކާއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow