
ސައްހަނޫން ލިޔުންތަކެއް ދިނީ ކުރީ ސަރުކާރުން!
އޭސީސީން ވެސް ދަނީ މައްސަލަ ތަހުގީގު ކުރަމުން
ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭން ދޫކުރި ބިންތަކެއްގެ ސައްހަނޫން ލިޔުންތަކެއް ދިނުމުގެ ތުހުމަތު ކުރީ ސަރުކާރަށް އަމާޒު ކޮށްފިއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ, އަދި ބިން ލިބިފައި ނެތް ބަޔަކަށް ބިންދީ, ވަށާފާރުވެސް ރާނާފައި ވަނިކޮށް މައްސަލަ ފެންމަތިވެ ފުލުހުން ފެށި ތަހުގީގާ ގުޅޭ މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ސައްހަ ނޫން ލިޔުން ދިނީ ކުރީ ސަރުކާރުން ކަމަށް އެފަދަ ލިޔުން ލިބުނު މީހުން ބުނާ ކަމަށެވެ.
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުالله ޝަރީފް ވިދާޅުވީ އެލިޔުންތަކަކީ މިދިޔަ ސަރުކާރުގެ ހައުސިންގ މިނިސްޓްރީން ދިން ލިޔުންކަމަށް އެމީހުން ބުނާ ކަމަށެވެ. އެފަދަ ލިޔުން ދޫކޮށްފައިވާ ތިން ލޮޓެއްގެ މައްސަލަ މިހާތަނަށް ފާހަގަވެފައިވާ ކަމަށް ވިދާޅުވިއެވެ. އެފަރާތްތަކަކީ ސްކީމަށް ޝަރުތު ހަމަނުވާ, އަދި ސްކީމަށް ހުޅުވާލުމުން އެދިފައި ނުވާ ފަރާތްތައްކަން ފުލުހުންގެ ތަހުގީގަށް މިހާތަނަށްވެސް ކަށަވަރުވެފައިވެއެވެ.
ފުލުހުން މިހެން ބުނެފައި މިވަނީ ޢާއްމުންގެ ފާޑުކިއުން އެންމެ ބޮޑަށް އަމާޒުވެފައިވާ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވެސް ތުހުމަތުތަކަށް އިންކާރުކޮށް, އުސޫލާ ހިލާފަށް އަމަލުކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ވަނިކޮށެވެ. ނަމަވެސް ސްކީމަށް އެދިފައިނުވާ ދެމީހަކަށް ދީފައިވާ ބިމެއްގެ ވަށާފާރު ރޭނުމުގެ ހުއްދައަށް އެޗްޑީސީން ހައުސިންގ މިނިސްޓްރީގައި އެދި, ހައުސިންގ މިނިސްޓްރީން އެހުއްދަ ދިނުމުގެ ބަދަލުގައި އެއީ ބިން ލިބިފައިވާ ފަރާތްތަކެއް ނޫން ކަމަށް ބުނެފައި ވަނިކޮށްވެސް ވަށާފާރު ވަނީ ރާނާފައެވެ.
މައްސަލައިގެ ތަހުގީގަށް އެޗްޑީސީގެ ޗެއަރމަން ފިޔަވާ ބޯޑްގެ އެހެން މެމްބަރުން ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި މެނޭޖްމަންޓްގެ އިސް ބައެއް ބޭފުޅުންވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ. މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރަން ޕީޖީ އަމުރުކުރެއްވުމާ ގުޅިގެން އޭސީސީން ވެސް ވަނީ އަވަސް ތަހުގީގެއް ފަށާފައެވެ. އޭސީސީއާއި ފުލުހުންވެސް ތަހުގީގު ކުރަމުންދާ މައްސަލައިގައި އެދެމުއައްސަސާވެސް ވަނީ ބައްދަލުކޮށްފައެވެ.
ރިއެކްޝަންސް






