ރައީސް ޗައިނާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ 2 ކަނބަލުން ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ 2 ކަނބަލުން ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ ވަޒީރުންނާއި، ކުންފުނިތަކުގެ އިސްބޭފުޅުންނެވެ.
ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މީގެކުރިން ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރަމުން އައީ އިންޑިއާ އިން ކަމަށެވެ. ނަމަވެސް މިހާރު އިންޑިއާއަށް ބަރޯސާނުވެ ކާޑުގެ ބާވަތްތައް ތުރުކީން ލިބިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެންގެ ބޭސިކް ކޮމޯޑިޓީސް، ހަނޑޫ ހަކުރު ފުށް މިހާރު އެންމެ ދިމާލަކަށް ބަރޯސާ ނުވާނެ. އަޅުގަނޑުމެންވާނީ ތުރުކީއާ އެކީގައި އެބަސްވެފައި މިހާރު. ހަނޑޫ ހަކުރު ފުށާއި އެކިއެކި ބާވަތްތައް ތުރުކީން މިހާރު މުޅި ރާއްޖެއަށް އެއް އަހަރަށް ވާ ވަރަށް ވުރެ އިތުރަށް %10 ލާފައި މިހާރު ވަނީ އެއްބަސްވުން ހެދިފައި، މިހާރު ފުށުގެ ފުރަތަމަ ޝިޕްމަންޓަށް ވަނީ އޯޑަރު ދެވިފައި، ފެބްރުއަރީ މަހު އަންނާނެ." ރައީސް ވިދާޅުވިއެވެ.
އަދި ހަމައެއާއެކު ދާދި ފަހުން ރާއްޖޭގައި އުފެއްދި މޯލްޑިވެސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކޮމްޕެނީ އިން ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ އިތުރުން ކޮންސްޓްރަކްޝަން މެޓީރިއަލްވެސް ރާއްޖެއަށް ބޭނުންވާ ވަރަށް އެތެރެކޮށް އަދި އެހެން ދިމަދިމާލަށް ރީއެކްސްޕޯޓް ކުރެވިގެން ދާނެވަރުގެ ބޮޑު އިކޮނޮމިކް ޒޯނެއް ގާއިމުކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެންގެ އިގްތިސާދު އިރާދަކުރެއްވިއްޔާ މިހާރުު މި ފުޅާކުރަން ނިންމާފައިވާ ގޮތަށް ސްޕެޝަލް އިކޮނޮމިކް ޒޯންތައް ގާއިމުކޮށް އަޅުގަނޑުމެން މިހާރު އުފައްދާފައި މިވާ މޯލްޑިވެސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކޮމްޕެނީ ރާއްޖޭގައި ޤާއިމުކުރާ ފްރީ ޒޯންގައި ބޭރުން ގެނެވޭ އެކިއެކި މުދާތައް (އެއީ ކާބޯތަކެއްޗާއި ކޮންސްޓްރަކްޝަން މެޓީރިއަލް) މިހުރިހާ ތަކެތި ރާއްޖެއަށް ބޭނުންވާ ވަރަށް އުފެއްދި ގާއިމުކުރެވި ގެނެވި އަދި އެހެން ދިމަދިމާލަށް ރީއެކްސްޕޯޓް ކުރެވޭ ވަރުގެ އެކޮނޮމިކް ޒޯނެއް ގާއިމުކުރަން ނިންމާފައި މިވަނީ." ރައީސް ވިދާޅުވިއެވެ.
ކުރިޔަށް އޮތް ރޯދަމަހު ރާއްޖޭގައި ކާޑުގެ ބާވަތްތައް ލިބުމުގައި އެއްވެސް ދަތިކަމެއް ނާންނާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
މިއީ ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
ރިއެކްޝަންސް