މެންޗެސްޓަރ ސިޓީއަށް އުނދަގޫ ޕޮއިންޓެއް, ނިއުކާސަލް އަތުން ބްރެންޓްފޯޑަށް މޮޅެއް
އިނގިރޭސި ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލަސްއާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗު 2-2 ން އެއްވަރު ވެއްޖެއެވެ. ސިޓީގެ ތާރީޙްގައި އެންމެ ނަތީޖާތައް ދަށް މެޗުތަކާއި އެކު ހޮނިހިރި ދުވަހު އެއްވަރު ވެފައި ވަނީ ކްރިސްޓަލް ޕެލަސްއިން ލީޑު ނަގާފައި ވަނިކޮށެވެ. ސީޒަންގައި މި ފަހުން ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައިވާ ބްރެންޓްފޯޑް އާއި ދެކޮޅަށް ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗުން ބްރެންޓްފޯޑް މޮޅުވެފައިވަނީ 4-2 ގެ ނަތީޖާއަކުންނެވެ.
ސިޓީ އާއި ޕެލަސް ވާދަކުރި ކުރި މެޗުގައި ޕެލަސްއިން ލީޑު ނަގާފައިވަނީ މެޗުގެ ހަތަރު ވަނަ މިނިޓްގައެވެ. ވިލް ހިއުސް ތަނަވަސްކޮށްދިން ފުރުޞަތެއްގައި ގޯލް ކާމިޔާބުކޮށްދިނީ ޑެނިއަލް މުނޯޒް އެވެ. ސީޓީގެ އާލިން ހާލަންޑް މެޗުގެ 30 ވަނަ މިނިޓްގައި ނަތީޖާ އެއްވަރުކުރުމުގެ ކުރިން ލީޑު ފުޅާކުރާނެ ރަނގަޅު ފުރުޞަތެއްވެސް ޕެލަސްއަށް ލިބުނެވެ. ނަމަވެސް ސިޓީގެ ޑިފެންސުން އެ ހަމަލާ ނާކާމިޔާބުކޮށްލުމަށްފަހު, ނަތީޖާ އެއްވަރުކުރީ މެތިއުސް ނުނޭޒް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ.
ދެވަނަ ހާފު ފެށިގެން 11 ވަނަ މިނިޓްގައި ޕެލަސްއިން ދެވަނަ ފަހަރަށް ލީޑުނެގިއެވެ. 56 ވަނަ މިނިޓްގައި ހިއުސް ނަގައިދިން ކޯނަރު ބޮލުން ފޮނާލައިގެން ޕެލަސްގެ ދެވަނަ ގޯލް ކާމިޔާބުކުރީ މެކެޒެންސް ލެކްރޮއިޒް އެވެ. ސިޓީން ނަތީޖާ އެއްވަރުކުރި ގޯލް ކާމިޔާބުކުރީ ރިކޯ ލެވިސްއެވެ. ބެނާޑޯ ސިލްވަރ ތަނަވަސްކޮށްދިން ފުރުޞަތުގައި ގޯލްގެ މަތީކަނަށް ފޮނުވާލީ 68 ވަނަ މިނިޓްގައެވެ.
މި ނަތީޖާ އާއެކު 15 މެޗުން 27 ޕޮއިންޓާއެކު ސިޓީ އޮތީ ތާވަލްގެ ހަތަރުވަނަ މަގާމުގައެވެ. ހަމަ އެ އަދަދަށް މެޗު ކުޅެ 16 ޕޮއިންޓާއެކު ކްރިސްޓާލް ޕެލަސް އޮތީ ތާވަލްގެ 16 ވަނައިގައެވެ.
އަމިއްލަ ދަނޑުގައި ނިއުކާސްލް ޔުނައިޓަޑްގެ މައްޗަށް 4-2 ން ކުރި ހޯދާ 15 މެޗުން 23 ޕޮއިންޓާއެކު ބްރެންޓްފޯޑް ވަނީ ތާވަލްގެ 7 ވަނައަށް ކުރިއަށް ޖެހިލާފައެވެ. މެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީވެސް ބްރެންޓްފޯޑުންނެވެ. 8ވަނަ މިނިޓްގައި ކްރިސްޓިއަން ނޯގާޑް ތަނަވަސްކޮށްދިން ފުރުޞަތުގައި ބްރަޔަން އެމްބުއެމޯ ލީޑުނެގިތާ 3 މިނިޓް ފަހުން ނިއުކާސްލއިން ނަތީޖާ އެއްވަރުކުރިއެވެ ނިއުކާސަލްގެ ފުރަތަމަ ގޯލް 11 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަލެގްޒެންޑަރ އިސާކްއެވެ.
ފުތަމަ ހާފު ނިމުމުގެ ކުރިން ދެޓީމުންވެސް އިތުރު ގޯލެއް ކާމިޔާބުކޮށް ނަތީޖާ 2-2 ށް ބަދަލުކުރިއެވެ. ބްރެންޓްފޯޑުގެ ދެވަނަ ގޯލް 28 ވަނަ މިނިޓްގައި ޔޯނެ ވިއްސާ ކާމިޔާބުކުރިއިރު 32 ވަނަ މިނިޓްގައި ނިއުކާސަލްއަށް ނަތީޖާ އެއްވަރުކޮށްދިނީ ހާވީ ބާނެސް އެވެ.
ވައިގެ ތެއްފިނިކަމާއި ގަދަ ވާޔައެކު ކުޅުނު މި މެޗުގައި ބްރެންޓްފޯޑްގެ ތިންވަނަ ގޯލް މާކް ފްލެކިން ނަގައިދިން ހިލޭ ޖެހުމަކުން 56 ވަނަ މިނިޓްގައި ކާމިޔާބުކުރީ ކޮލިންސް އެވެ. ނިއުކާސަލްއިން އިތުރު ގޯލެއްޖަހާ ނަތީޖާ ބަދަކުރަން ކުރި މަސައްކަތް ފެނަށްދިޔައީ މެޗުގެ 90 ވަނަ މިނިޓްގައި ބްރެންޓްފޯޑުން އިތުރު ގޯލެއް ކާމިޔާބުކުރުމުންނެވެ. އެމްބުއެމޯ ތަނަވަސްކޮށްދިން ފުރުޞަތުގައި ބްރެންޓްފޯޑްގެ ފަހު ގޯލް ކާމިޔާބުކޮށްދިނީ ކެވިން ސްކޭޑްއެވެ.
މި ބައްޔާއެކު ނިއުކާސްލް އަށް ތާވަލްގެ 13 ވަނަ މަގާމް ލިބެނީ 15 މެޗުން 20 ޕޮއިންޓާއެކުއެވެ.
ލީގުގައި ހޮނިހިރު ދުވަހު ލިވަޕޫލްއާއި އެވަރޓަން ވާދަކުރަން އޮތް މެޗު ގޫޑިސަން ޕާކް ސަރަހައްދުގައި އުފެދިފައިވާ ތޫފާން 'ޑަރާގް' ގެ ސަބަބުން މެޗު ވަނީ ފަސްކޮށްފައެވެ.
ރިއެކްޝަންސް