
މީދޫ އާއި ދިއްދޫ އެއްވަރު, ދެވަނަ ބުރު ޔަގީންވާނީ މާދަމާ
މެޗު އެއްވަރުވީ 2-2 ން
ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ގްރޫޕް އޭގައި ދ.މީދޫ އާއި ހއ.ދިއްދޫ ވާދަކުރި މެޗު އެއްވަރުވުމުން ގްރޫޕް ސްޓޭޖްގެ ދެވަނަ ފޭސްއިން ޖާގަ ލިބޭ ފަހު ދެޓީމް ކަށަވަރުވުން ފަހު ދެ މެޗަށް ދިގުލައިފި އެވެ.
ދިއްދޫ އާއި މީދޫ ރޭގެ މެޗަށް ނިކުއިންއިރު މޮޅުން މޮޅުވާ ޓީމަކަށް ދެވަނަ ބުރުގެ ޖާގަ ޔަގީންވެއެވެ. އެކަމަކު މެޗު އެއްވަރުވުމުން ދެޓީމަށްވެސް ދެވަނަ ބުރު ޔަގީންނުވެ, އަދި ފުރުޞަތުވެސް ނުގެއްލި ފަހު މެޗަށް ވަނީ އިންތިޒާރު ކުރަން ޖެހިފައެވެ.
މެޗު އެއްވަރުވުމުން ދެޓީމްވެސް އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުއެވެ. ދެޓީމްވެސް ބަލިވީ ގްރޫޕްގެ އެއްވަނަ ހޯދައިގެން ދެވަނަ ބުރު ޔަގީންކޮށްފައިވާ ފުވައްމުލައް ސިޓީ އަތުންނެވެ. މިދެޓީމްގެ ފަހަތުން ދެން އޮތީ 3 ޕޮއިންޓާއެކު ކުޑަހުވަދޫ އެވެ. ގްރޫޕްގެ ފަހު މެޗުގައި މާދަމާ ހަވީރު މީދޫ ނިކުންނާނީ ކުޑަހުވަދޫއާ ދެކޮޅަށެވެ. މެޗު އެއްވަރުކޮށްލައިގެންވެސް މީދޫ އަށް ދެވަނަ ބުރުން ޖާގަ ލިބޭނެއެވެ. އެކަމަކު ކުޑަހުވަދޫ މޮޅުވެއްޖެ ނަމަ އެފުރުޞަތު ލިބޭނީ ކުޑަހުވަދޫ އަށެވެ,. ދިއްދޫގެ ފަހު މެޗުގައި މާދަމާރޭ ވާދަކުރާނީ ފަރެސްމާތޮޑާއާއެވެ. މުބާރާތުން ކަޓާފައިވާ ފަރެސްމާތޮޑ އަތުން ޕޮއިންޓެއް ހޯދައިގެންވެސް ދިއްދޫ އަށް ދެވަނަ ބުރު ޔަގީން ކުރެވޭނެއެވެ.
ދިއްދޫ އާއި މީދޫ ވާދަކުރި މެޗު އެއްވަރުވީ 2-2 ނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ ދިއްދޫންނެވެ. ދިއްދޫން ފުރަތަމަ ހާފްގައި ހުސައިން ޝިފާހު ޖެހި ލަނޑުންނެވެ. އޭގެ ތިން މިނިޓް ފަހުން މީދޫ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އިބްރާހީމް އިމްރާން އެވެ. އަދި ދެވަނަ ހާފްގައި އިތުރު ލަނޑެއް ޖަހާ އޭނާ ވަނީ މީދޫއަށް ލީޑްވެސް ނަގައިދީފައެވެ. އެކަމަކު އެލީޑްގައި މެޗު ނިންމާލަން ފުރުޞަތު ނުދީ އާދަމް ނަސީމް ލަނޑު ޖަހާ ދިއްދޫ އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ދެ ލަނޑު ޖެހި މިދޫގެ އާދަމް އިމްރާން އެވެ. އާދަމް އިމްރާނަށް މެޗުގެ މޮޅު ކުޅުންތެރިޔާއަށްދޭ ޓްރޮފީ ހަވާލުކޮށްދެއްވީ ރޭގެ މެޗު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.
ރިއެކްޝަންސް






