ބޭރުފައިސާއާ ބެހޭ ބިލްގެ ސަބަބުން ކުރިން އަންދާޒާ ކުރިވަރަށްވުރެވެސް ބޭންކިންގ ނިޒާމްގައި ދައުރުވާ ޑޮލަރު އިތުރުވާނެ- ރައީސް މުއިއްޒު
ބޭރުފައިސާއާ ބެހޭ ބިލްގެ ސަބަބުން ކުރިން އަންދާޒާ ކުރިވަރަށްވުރެވެސް ބޭންކިންގ ނިޒާމްގައި ދައުރުވާ ޑޮލަރު އިތުރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރުފައިސާއާ ބެހޭ ބިލެއްގެ ޑްރާފްޓް ޢާއްމުންގެ ހިޔާލަށް ޢާއްމުކުރުމުން އެކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 500 ޑޮލަރު މާރު ކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާއި ބެހޭ ބިލުގައި އޮތުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްއެމްއޭއަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ވިދާޅުވީ މިމަހުގެ 17 ވަނަ ދުވަހު އެމަނިކުފާނު ވިދާޅުވި ފަދައިން ގަވައިދު ތަންފީޒުކުރުން ވަރުގަދަ ކުރުމަށްޓަކައި އެމްއެމްއޭ އިން އިސްނަގައިގެން ބޭރު ފައިސާ އާއިބެހޭ ޤާނޫނެއް ހެދިގެން ދިއުމަކީ މުހިއްމު ކަމެއް ކަމަށެވެ. މި ޤާނޫނުގެ ސަބަބުން ރިސޯޓު ތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރު ކުރެވިގެންދާނެކަން ފާހަގަކުރެއްވިއެވެ.
" އަދި މީގެ އިތުރުން ޓޫރިޒަމް ނޫން ދާއިރާ ތަކުންވެސް ވަކި ވަރަކަށްވުރެ ގިނައިން ޑޮލަރު ޢާމްދަނީ ލިބޭނަމަ، ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ހިމަނާފައިވައިވުމުން ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރު ކުރިން އަންދާޒާކުރި ވަރަށްވުރެ އިތުރުވެގެންދާނެ. " ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ފަހި ބަދަލުތަކުގެ ނަތީޖާއަކަށް ވެގެންދާނީ އާއްމު ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބިގެންދިއުން ކަމަށެވެ. އެގޮތުން ލިބޭނެ ތިޔާގިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެއީ:
1- ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރުން ( 2025 ޖުލައި މަހުން ފެށިގެން )
2 - ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ދެގުނަކޮށް އެއަދަދު 1000 ޑޮލަރަށް ހެދުން ( 2026 ގެ ފުރަތަމަ ކުއާޓަރ އިން ފެށިގެން)
3. - ކްރެޑިޓް ކާޑު ލިމިޓްތައް ބޮޑުކޮށްދިނުން ( 2026 ގެ ފުރަތަމަ ކުއާޓަރ އިން ފެށިގެން)
4.- ދިވެހި ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓްކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރުން ( 2025 ޖުލައި މަހުން ފެށިގެން )
ރައީސުލްޖުމްހޫރިއްޔާ ވަނީ ޢާއްމު ރައްޔިތުންނަށް ފައިދާ ހުރި މިފަދަ ކޮންމެ ކަމެއް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ދެއްވާ ފުރިހަމަ އެއްބާރުލެއްވުމަށް ރައްޔިތުންނަށްވެސް ޝުކުރު އަދާކުރައްވާފައެވެ.
ރިއެކްޝަންސް