ވިލާތުގެ އިއްތިހާދުގެ މެމްބަރު ގައުމުތަކުން އައިސީސީގެ އަމުރު ތަންފީޒުކުރަންޖެހޭނެ: ޖޯސެފް ބޮރެލް
ބައިނަލްއަޤުވާމީ ޖިނާއީ ކޯޓް (އައިސީސީ) ން އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އެގައުމުގެ ކުރީގެ ދިފާއީ ވަޒީރު ޔޯވް ގެލަންޓް ހައްޔަރުކުރުމަށް ނެރުނު އަމުރަށް ވިލާތުގެ މެމްބަރު ގަޢުމުތަކުން ފުރިހަމައަށް ބޯލަނބަންޖެހޭނެ ކަމަށް ޖޯސްފް ބޮރެލް ވިދާޅުވެއްޖެއެވެ. ވިލާތުގެ އިއްތިހާދުގެ ހާރިޖީ ސިޔާސަތާބެހޭ އެންމެ މަތީ ވެރިޔާ ބޮރެލް ވަނީ ވިލާތުގެ މެމްބަރު ގައުމުތަކުން އައިސީސީގެ އަމުރު ތަންފީޒު ކުރުމަކީ ޤާނޫނީ ވާޖިބެއްކަން ހަނދާންކޮށްދީފައެވެ.
"އެއީ އިޙްތިޔާރީ ކަމެއް ނޫން" އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ބޮރެލް ވިދާޅުވީ ރޯމް މުއާހަދާގައި ސޮއިކޮށްފައިވާ ހަމަ ކޮންމެ މެމްބަރު ގަޢުމަކުންވެސް އައިސީސީގެ ނިންމުން ތަންފީޒުކުރަން ޖެހޭނެ ކަމަށެވެ.
އިޒްރާއިލްގެ ސަރުކާރުން ވަނީ އައިސީސީގެ ހުކުމަކީ 'އެންޓި-ސެމެޓިކް' ހުކުމެއް ކަމަށް ބުނެފައެވެ. ނަމަވެސް ބޮރެލް ވިދާޅުވެފައިވަނީ އެއީ ވަރަށް ޒިންމާދާރުކަމާއެކު ބޭނުންކުރަން ޖެހޭ ބަހެއްކަމަށާއި, ފަލަޞްޠީނުގެ ހައްގުގައި ބަސްބުނާ ނުވަތަ ފަލަޞްޠީނުގެ ރައްޔިތުންގެ ޙައްގުގައި ނިންމޭ ނިންމުމަކީ ވަކި ބަޔަކާ ދެކޮޅަށް ނިންމާ ނިންމުމެއްކަމަށް ދެކުމަކީ އެހާ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި އިޒްރާއިލްގެ ސަރުކާރުގެ ސިޔާސަތަކާ ދެބަސްވާ ކޮންމެ މީހަކީ އެންޓި ސެމެޓިކް މީހެއްކަމަށް ދެކިގެން ނުވާނެ ކަމުގައިވެސް ބޮރެލް ވިދާޅުވިއެވެ.
"ފުދިއްޖެ. އެއީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން" ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ބޮރެލް ވިދާޅުވިއެވެ.
ރޯމް މުއާހަދާގައި ސޮއިކޮށްފައިވާ 124 ގައުމެއް ހިމެނޭއިރު އެމުއާހަދާގެ ދަށުން އައިސީސީން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައިވާ މީހަކު އެއިން ގަޢުމަކަށް އެތެރެވެއްޖެނަމަ ހައްޔަރުކުރުން އެގައުމަކަށް ލާޒިމު ވާނެއެވެ. މި 124 ގައުމުގެ ތެރޭގައި ވިލާތުގެ އިއްތިހާދުގެ ހުރިހާ ގައުމެއްވެސް ހިމެނެއެވެ. މީގެން ބައެއް ގައުމުތަކަކީ ނަތަންޔާހޫގެ ވަރަށް ގާތް ގުޅުން އޮންނަ ގައުމުތަކެވެ. އޭގެ ތެރޭގައި ހަންގޭރީ, ޖަރުމަނު ވިލާތް, ފްރާންސް އަދި އިނގިރޭސި ވިލާތް ހިމެނެއެވެ.
އެމެރިކާއިން އައިސީސީގެ އަމުރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ މި ދަނޑިވަޅުގައި ވިލާތުގެ ގަޢުމުތަކުން ދަނީ ނަތަންޔާހޫ އެގައުމުގެ ޓެރިޓަރީއަށް އަރައިފިނަމަ ހައްޔަރުކުރާނެ ކަމަށްބުނެފައެވެ. އޭގެ ތެރޭގައި ސްޕެއިން, ފްރާންސް, ޕޯޗުގަލް, ނޯވޭ, ސްލޮވީނިއާ, އަޔަލެންޑް, ބެލްޖިއަމް. އިޓަލީ, ނެދަލެންޑްސް އަދި ސްވިޒަލެންޑް ހިމެނެއެވެ. ނަތަންޔާހޫ ހައްޔަރު ނުކުރާނެ ކަމަށް ހަންގެރީ އަދި ޖަރުމަނު ވިލާތުން ވަނީ ބުނެފައެވެ.
ރިއެކްޝަންސް