
ހަމަލާތައް އަލުން ފެށިފަހުން ޣައްޒާގައި ދުވާލަކު 100 ކުޑަކުދިން މަރާލާ ނުވަތަ ޒަޙަމްކޮށްލާ: އދ
އިޒްރާއިލްއިން ޣައްޒާގައި އަލުން ހަމަލާތައް ފެށިފަހުން ކޮންމެ ދުވަހަކުވެސް ޣައްޒާގައި މަދުވެގެން 100 ކުޑަކުދިން މަރާލާ ނުވަތަ ޒަޙަމްކޮށްލާ ކަމަށް އދ ން ބުނެފިއެވެ. މާރިޗު މަހުގެ 18 ވަނަ ދުވަހު އިޒްރާއިލްއިން ޣައްޒާގައި އަލުން ހަމަލާތައް ފަށާފައިވަނީ އެމެރިކާގެ ފުރިހަމަ ތާއީދާ އެކުއެވެ.
"ކުޑަކުދިން މެރުން އެއްވެސް ހާލެއްގައި ޖަސްޓިފައި ނުކުރެވޭނެ" އދ ގެ އެޖެންސީ އޮން ފަލަޞްޠީނިއަން ރެފިއުޖީސް (އަންރްވާ) ގެ ވެރިޔާ ފިލިއްޕޭ ލަޒާރިނީ ފަލަޞްޠީނުގެ ކުޑަކުދިންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.
ލަޒާރިނީ ވިދާޅުވީ އިޒްރާއިލްއިން މުޅި ޣައްޒާ "ކުޑަކުދިންނަށް ނޫޅެވޭ ބިމަކަށް" ހަދައިފި ކަމުގައެވެ. ހަނގުރާމައާއެކު ޣައްޒާގެ ކުދިންގެ އުމުރު ކުރުކޮށްލައިފި ކަމަށާއި, މިއީ އިންސާނިއްޔަތު ކަމުގައި ޖެހުނު ބޮޑު ލައްގަނޑެއް ކަމުގައިވެސް ލަޒާރިނީ ވިދާޅުވިއެވެ.
އދ ގެ ކަޑަކުދިންގެ ހައްޤުތަކާބެހޭ ޖަމްއިއްޔާ (ޔުނިސެފް) އިން ބުނީ އިޒްރާއިލްއިން އަލުން ހަމަލާތައް ފެށިފެހުން އެކަނިވެސް މިހާތަނަށް ޣައްޒާގެ 322 ކުޑަކުދިން މަރާލާފައިވާ ކަމުގައެވެ.
ފަލަޞްޠީނުގެ ކުޑަކުދިންގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ އެޕްރީލް 5 ވަނަ ދުވަހުއެވެ. ޢައްޒާގެ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިޒްރާއިލްގެ ހަމަލާތައް އެންމެ ގިނައިން އަމާޒުވަނީ ކުޑަކުދިންނަށް ކަމަށާއި, 2023 އޮކްޓޯބަރުން ފެށިގެން މިހާތަނަށް އިޒްރާއިލްއިން ޣައްޒާގެ 17,000 އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލާފައިވާ ކަމަށެވެ.
"2023 އޮކްޓޯބަރުން ފެށިގެން މިއަދާ ހަމައަށް ގާތްގަނޑަކަށް 1,100 ކުޑަކުދިން އިޒްރާއިލްއިން ހައްޔަރުކޮށްފި. 39,000 ކުދިން ޔަތީމްވެއްޖެ" ކުޑަކުދިންގެ ދުވަހާ ގުޅިގެން ފަލަޞްޠީނުގެ ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު ރިޕޯޓްގައި ބުނެފައިވެއެވެ.
ރިއެކްޝަންސް






