އެންމެ ގިނަ ލޯނު ނެގީ މިދިޔަ ސަރުކާރުން. އެންމެ ލޯ ސެންޓެއްވެސް ފުވައްމުލަކަށް ޚަރަދު ކޮށްފައި ނުވޭ: މެންބަރު އަލީ ފަޒާދު
ޓާގެޓް ސަބްސިޑީއަށް އަމަލު ކުރާއިރު ކޮންމެވެސް ކަހަލަ ބަދަލުތަކެއް އަންނާނެ.
ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ލޯނު ނަގާފައިވަނީ ނިމިގެންދިޔަ އެމް.ޑީ.ޕީ ސަރުކާރުން ކަމަށާއި އޭގެތެރެއިން ލޯނެއްގެ ލޯ ސެންޓެއްވެސް ފުވައްމުލަކަށް ޚަރަދުކޮށްފައި ނުވާކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި މިރޭ ވާހަކަ ދައްކަވަމުން އަލީ ފަޒާޒު ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުން ފުވައްމުލަކުގައި ހިންގާފައިވާ ރިވެޓްމެންޓްގެ މަޝްރޫއަކީ އޭގެ ކުރީ ވެރިކަމުގައި ސޮއިކޮށް ފަންޑު ހޯދާފައިވާ ޕްރޮޖެކްޓެއް ކަމަށެވެ.
ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން އަލީ ފަޒާދު ވަނީ 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލް ނުހިމެނޭ ކަމަށް އިދިކޮޅު އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް ހޫނު ރައްދެއް ދެއްވާފައެވެ.
އަލީ ފަޒާދު ވަނީ ވޭތުވެދިޔަ ސަރުކާރުގެ ދައުރުގައި މަޖިލީހަށް ހުށަހަޅައި ފާސްކޮށްފައިވާ ހަތަރު ބަޖެޓުގައި ފުވައްމުލަކުގައި ހިންގާނެ ކަމަށް ޖަހާފައިވާ މަޝްރޫއުތަކެއް ފާހަގަކުރައްވައި އެ މަޝްރޫއުތަކަށް ވީގޮތެއް މިހާތަނަށްވެސް ދަންނަ ބަޔަކު ނެތްކަމަށް ވިދާޅުވެފައެވެ.
މެންބަރު ވިދާޅުވީ ސަރުކާރުން އަންނަ އަހަރު ޓާގެޓް ސަބްސިޑީއަށް އަމަލު ކުރަން ފަށާތީ އެކަމާ އިދިކޮޅު މެންބަރުން ކަންބޮޑުވާ ކަމަށް ވިދާޅުވާއިރު އެއީ ކޮންމެވެސް ހިސާބަކުން ކުރަންޖެހޭ ކަމެއް ކަމަށް އެބޭފުޅުންވެސް ގަބޫލުކުރައްވާ ކަމަށެވެ.
"ޓާގެޓް ސަބްސިޑީއަށް އަމަލު ކުރާއިރު ކޮންމެވެސް ކަހަލަ ބަދަލުތަކެއް އަންނާނެ. އޭތި އެންމެ ބޭނުންޖެހިފައިވާ މީހާއަށް ލިބޭނެ އިންތިޒާމެއް ހަމަޖެހިގެންދާނެ." ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވިދާޅުވިއެވެ.
އަލީ ފަޒާދު ވިދާޅުވީ ޓާގެޓް ސަބްސިޑީއަށް އަމަލު ކުރަން ޖެހިފައިވާތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށާއި މި ސަރުކާރުން އެކަން ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރިއެކްޝަންސް