އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުލަބް ވެމްކޯއިން އަނެއްކާވެސް ހޯދައިފި
އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުލަބް ވެމްކޯއިން އަނެއްކާވެސް ހޯދައިފި
ގައުމީ ވޮލީބޯލް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވެމްކޯއިން ހޯދަފައި ވަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު ފައިނަލް މެޗުގައި ޕޮލިސް ކުލަބާ ވާދަކޮށް 3-1 ސެޓުންނެވެ.
މިއާއެކު ވެމްކޯއިން ގައުމީ މުބާރާތުގެ ތަށި ދިފާއުކުރިއިރު، މިއީ އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މިރޭ ކުޅުނު މެޗުގައި ވެމްކޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން ވަނީ ފުރަތަމަ ދެ ސެޓު 25-21 އަދި 25-21 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު ތިންވަނަ ސެޓުގައި ޕޮލިހުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން ވަނީ އެ ސެޓު 19-25 އިން ގެންގޮސްފައެވެ. ނަމަވެސް މި މެޗުން ވެމްކޯ މޮޅުވީ ހަތަރުވަނަ ސެޓު 25-23 އިން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ކީޝާ ރިކޯލް ހަންޓެވެ.
މި މުބާރާތުގެ އެންމެ މޮޅު ސެޓަރަކީ ވެމްކޯގެ ޖޫޒާން އެވެ. އެންމެ މޮޅު މިޑުލް ބޮލޮކަރަކަށް ވެމްކޯގެ މާޔާ ހުސެއިން ސޮލާހް ހޮވުނުއިރު, ސެކަންޑް ބެސްޓް މިޑުލް ބޮލޮކަރަކީ ޔޫތު ނިއު ޖެނެރޭޝަނުގެ އާމިނަތު ރިޔާޝާ އެވެ. މުބާރާތުގެ އެންމެ މޮޅު އޮޕޮސިޓް ޕްލޭޔަރަކަށް ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނުގެ ފާތިމަތު ސަމްހާ ހޮވުނުއިރު, އެންމެ މޮޅު ލިބަރޯއަކީ އެ ޓީމުގެ މައިހާ އަލީއެވެ. އަދި އެންމެ މޮޅު އައުޓްސައިޑް އެޓޭކަރަކަށް ޕޮލިހުގެ ހައްވާ ރާޝިދާ ހޮވުނުއިރު, ސެކަންޑް ބެސްޓް އައުޓްސައިޑް އެޓޭކަރަކަށް ހޮވުނީ ވެމްކޯގެ އާމިނަތު އަރީޝާއެވެ. މި މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ވެމްކޯގެ ކީސާ ރިކޯލް ހޮވުނުއިރު, މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވެމްކޯގެ މާޖިދާއެވެ.
މި ފަހަރުގެ ގައުމީ މުބާރާތުގެ ފައިނަލުގައި ވެމްކޯއިން ޕޮލިސް ބަލިކުރިއިރު، ދާދި ފަހުން ނިމިގެންދިޔަ އެސޯސިއޭޝަން ކަޕުގެ ފައިނަލުގައިވެސް ވާދަކުރީ މި ދެ ޓީމެވެ. އެ މެޗުގައި ޕޮލިސް އަތުން ސީދާ ތިން ސެޓުން މޮޅުވެ ވެމްކޯ ވަނީ އެސޯސިއޭޝަން ކަޕުގެ ތަށި މިލްކުކޮށްފައެވެ.
ރިއެކްޝަންސް