މިއަހަރު ފްލެޓްތައް ހަވާލުކުރަނަން- ވަޒީރު
ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އަންނަ ހަފްތާގައި އިއުލާނު ކުރަނީ
މިދިޔަ ސަރުކާރުން އިމާރާތްކުރަން ފަށާ އެކި މަރުހަލާގައި ހުރި 4000 ފްލެޓް މިއަހަރު ހައްގުވެރިންނާ ހަވާލުކުރާނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ ރައްޖެ މިއަދުގައި ވަޒީރު ވިދާޅުވީ 4000 ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އަންނަ ހަފްތާގައި އިއުލާނުކުރައްވާނެ ކަމަށެވެ.
ވަގުތީ ލިސްޓް އަންނަ ހަފްތާގައި އިއުލާނުކޮށް, ޝަކުވަ ހުށަހެޅުމުގެ ފުރުޞަތު ދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ފެލްޓްތައް ހަވާލުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. މިދިޔަ މަހުގެ ނިޔަލަށްވެސް ވަގުތީ ލިސްޓް ޢާއްމުކުރައްވާނެ ކަމަށް ވަޒީރު ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވިއެވެ. ނަމަވެސް މަސް ނިމެނިކޮށް އެމުއްދަތުގައި އެކަން ނުކުރެވޭނެ ކަމަށާއި, ވަގުތު ބޭނުންވާ ކަމަށް ވިދާޅުވެ, ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާއަށް އިތުރު މުއްދަތެއް ދެއްވިއެވެ.
4000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް މިދިޔަ ސަރުކާރުގައި އިއުލާނުކޮށް, ގެޒެޓްވެސް ކުރިއެވެ. ނަމަވެސް ދައުރުގެ ފަހުކޮޅު ގެޒެޓްކުރި އެލިސްޓްގައި ބޮޑަތި މައްސަލަތައް ހުރި ކަމަށް ބުނެ މިސަރުކާރުން އާ ކޮމިޓިއެއް އެކުލަވާލާ އަލުން ހުރިހާ ފޯމެއް އިވެލުއޭޓް ކުރަން ފެށީއެވެ. އެއީ މިދިޔަ ސަރުކާރުގެ ލިސްޓްގައި ގޯސްތައް ހުރިކަމަށް އޭސީސީންވެސް ބުނުމުންނެވެ.
މިއަހަރުގެ ނިޔަލަށް ފްލެޓްތައް ހަވާލުކުރާނެ ކަމަށް ވަޒީރު ވިދާޅުވިޔަސް ހުރިހާ ފްލެޓެއް މުޅިން ނިންމާލެވޭނެ ކަމަށް އެފްޑިސީން ލަފާކުރަނީ 2025 ވަނަ އަހަރުގެ ތެރޭގައެވެ.
ރިއެކްޝަންސް