ތައުލީމީ ގޮތުން ނަތީޖާދަށް, ވަޒީފާގެ ފުރުޞަތު ނުލިބޭ 16 އަހަރުގެ ޒުވާނުންނަށް ސިފައިންނާއި ފުލުހުންގެ ވަޒީފާ ދެނީ
ތައުލީމީ ގޮތުން ނަތީޖާދަށް, ވަޒީފާގެ ފުރުޞަތު ނުލިބޭ 16 އަހަރުގެ ޒުވާނުންނަށް ސިފައިންނާއި ފުލުހުންގެ ވަޒީފާ ދިނުމަށް ޚާއްޞަ ޕްރޮގްރާމެއް ފައްޓަވަން ނިންމައިފިއެވެ. މިކަން އިއުލާނުކުރެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމްގެ ގޮތުގައި މިއަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހިންގޭ ގައުމީ ޕްރޮގްރާމެއް ފެށިގެންދާނެ ކަމަށެވެ. ނެޝަނަލް ސަރވިސް އަކީ ޤާނޫނެއް ހެދިގެން އެޤާނޫނުން ބާރުލިބިގެން ކުރިއަށް ގެންދާ ޕްރޮގްރާމަކަށް ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ., އުމުރުން 16 އަހަރު ވުމަށްފަހު އިތުރު ފުރުޞަތު ނުލިބޭ ކުދިން އެ ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެޕްރޮގްރާމްގައި ބައިވެރިވެގެން މިލިޓަރީ ތަމްރީނު ހޯދާ, ރެކްރޫޓް ޕްރޮގްރާމް ނިންމުމަށްފަހު އެކުދިން ސިފައިންގެ ނުވަތަ ފުލުހުންގެ ޚިދުމަތާ ގުޅޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިޕްރޮގްރާމް ލޯންޗްކުރަން ގަސްތުކުރައްވާކަން އިއުލާނުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަޅުގަނޑުމެންގެ ގައުމުގައި އެކަށީގެންވާ ތައުލީމެއް ނެތުމުގެ ސަބަބުން ވަޒީފާގެ ފުރުޞަތުވެސް ނެތި, ޑްރަގާ އެކިކަހަލަ ނުބައި އަމަލުތަކުގެ ތެރެއަށް ވިއްސި ވިހާލިވެގެންދާ އެތައްސަތޭކަ ޒުވާނުންނެއް އިތުރުވަމުން ދާ ކަމަށެވެ. އޭގެސަބަބުން ސަރުކާރާ, މުޖުތަމައުއާ, އެކުދިންނާއި, އެކުދިންގެ އާއިލާތަކުން އުފުލަންޖެހޭ ބުރަވެސް ވަރަށްބޮޑު ކަމަށެވެ. އެކަމުގެ ސަބަބުން އިޤްތިޞާދަށްވެސް ނުރަނގަޅު އަސަރު ފޯރަމުން ދާކަން ރައީސް ފާހަގަކުރެއްވިއެވެ.
" އެހެންނަމަވެސް އެކުދިންނަކީ ރަނގަޅު ތަރުބިއްޔަތެއް ދެވި, މިލިޓަރީ ތަމްރީނު ދެވި, ރަނގަޅު ބަޔަކަށް ހެދި, ވަޒީފާ ލިބިފައި ތިބޭ ބަޔަކަށް ހެދިއްޖިއްޔާ އެއީ އެކުދިންނަށްވެސް އާއިލާތަކަށްވެސް ގައުމަށްވެސް ސިފައިންގެ ޚިދުމަތަށްވެސް ލިބޭ ވަރަށްބޮޑު ކުރިއެރުމަކަށް ވާނެ. " ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮންމެ އަހަރަކު އޯލެވެލްއާއި އޭލެވެން ނިންމާ ޒުވާނުންގެ ތެރޭގައި އެއަށްވުރެ މައްޗަށް ދިއުމުގެ ފުރުޞަތު ނުލިބޭ ކުދިން ގިނަ ކަމަށެވެ. އެގޮތުން އޯލެވެލް ނިންމާ އޭލެވެލް އަށް ދިއުމުގެ ފުރުޞަތު ނުލިބޭ އަދި ވަޒީފާގެ ފުރުޞަތުވެސް ނުލިބޭ 2000-3000 އާ ދެމެދުގެ އަދަދެއްގެ ކުދިން ތިބޭކަމަށް ރައީސް ވިދާޅުވިއެވެ. މިދިޔަ ތިން ހަތަރު އަހަރުގެ އިސާބުތަކަށް ރިއާޔަތްކުރައް ރައީސް ވިދާޅުވީ އޭލެވެލް ނިންމުމަށްފަހު, ޑިގްރީއަށް ނުފެތޭ 500-1000 އާ ދެމެދުގެ ކުދިން ކޮންމެ އަހަރަކުވެސް ތިބޭ ކަމަށެވެ.
ރާއްޖޭގެ ޤާނޫނުތައް ހުރިގޮތުން ސިފައިންގެ ޚިދުމަތާއި ފުލުހުންގެ ޚިދުމަތަށްވެސް 16 އަހަރުގައި ވަނުމުގެ ފުރުޞަތެއް ނުލިބެއެވެ. އެހެންކަމުން ރައީސްގެ ވިސްނުންފުޅަކީ ޤާނޫނު ބަދަލުކޮށްގެން އެފުރުޞަތު ފަހިކުރުމެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސަރުކާރުން ބޭނުންވާ ސްކޭލްގައި ސިފައިންގެ ޚިދުމަތް ކުރިއަށްއޮތް ހަތަރު އަހަރު ބޮޑުކުރަން ބޭނުންވާނަމަ ކޮންމެ އަހަރަކު އިތުރު 1000 ކުދިން ރެކްރޫޓް ކުރަން ޖެހޭ ކަމަށެވެ. ފުލުހުންގެ ޚިދުމަތް ފުޅާކުރަންވެސް އަހަރަކު އެއްހާސް ފުލުހުން އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ތައުލީމީ ގޮތުން ރަނގަޅު ނޫން, ވަޒީފާގެ ފުރުޞަތު ނެތް ކުދިންނަށް އެފުރުޞަތު ދީ ރަނގަޅު ބަޔަކަށް ހެދިއްޖެ ނަމަ ވަޒީފާގެ ފުރުޞަތު ދެވި ސިފައިންގެ ޚިދުމަތަށް ގިނަ ބަޔަކު ލިބޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ރިއެކްޝަންސް