ޕްރިމިއަރ ލީގު: ޔުނައިޓްޑާއި ޗެލްސީ އެއްވަރު, ޑޮމިނިކް ސޮލާންކޭގެ ދެ ގޯލާއެކު ފަހަތުން އަރާ ޓޮޓްނަމް މޮޅު
އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓަޑް އާއި ޗެލްސީ ވާދަކުރި މެޗު 1-1 ން އެއްވަރުވެއްޖެއެވެ. މެޗުގައި ޔުނައިޓަޑްގެ ގޯލް 70 ވަނަ މިނިޓްގައި ޕްނަލްޓީއަކުން ކާމިޔާބުކުރީ ބުރޫނޯ ފެނާންޑޭޒް އެވެ. ގޯލާއެކު ޔުނައިޓެޑްގެ ވަގުތީ ކޯޗު ވެން ނިސްޓެލްރޫ ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.
ނަމަވެސް ޔުނައިޓެޑްގެ އުފާވެރިކަން މާ ގިނަ ވަގުތު ދެމިއޮންނަށް ފުރުޞަތު ނުދީ ޗެލްސީން ވަނީ އޭގެ ހަތަރު މިނިޓް ފަހުން ނަތީޖާ އެއްވަރުކޮށްފައެވެ. ގޯލްއޭރިއާގެ އަރިމަތިން މާކް ކަސައިޑޯ ފޮނުވާލީ ބޯޅަ ކީޕަރު އަންދްރޭ އޮނާނާއަށް މަތަކުރެވޭ ގޮތް ނުވެ ގޯލްގެ ދާގަނޑަށް އަމާޒުވީ މެޗުގެ 74 ވަނަ މިނިޓްގައެވެ.
މެޗު އެއްވަރުވެ ޕޮއިންޓަކުން ފުއްދާލަން ޖެހުންނަމަވެސް, މެޗުން ބަލިނުވެ ހިފަހައްޓާލެވުމަކީ ޔުނައިޓަޑްއަށް މިވަގުތު ހިތްހަމަޖެހުމެކެވެ. ކުރީގެ ކޯޗު އެރިކް ޓެން ހަގް ވަކިކުރުމަށްމަށްފަހު ޕޯޗުގަލްގެ ކޯޗު ރުބެން އަމޯރިމް ރަސްމީކޮށް ނޮވެމްބަރު 11 ވަނަ ދުވަހު ޔުނައިޓެޑްގެ ކޯޗުކަމާ ރަސްމީކޮށް ހަވާލުވާނެއެވެ.
އާދިއްތަ ދުވަހު ލީގުގައި ކުޅުނު އިތުރު މެޗަކަށް ބަލާލާއިރު, ޑޮމިނިކް ސޮލާންކޭގެ ދެ ގޯލާއެކު ޓޮޓްނަމްއިން ފަހަތުން އަރާ 4-1 ން ވަނީ އެސްޓަންވިލާ ބަލިކޮށްފައެވެ. މެޗުގައި ވިލާގެ ހަމައެކަނި ގޯލް 32 ވަނަ މިނިޓްގައި ކާމިޔާބުކުރީ މޯގަން ރޮޖާސްއެވެ. ފުރަތަމަ ހާފު ނިމުނީ ޓޮޓްނަމް އަށް ގޯލެއްކާމިޔާބު ނުކުރެވިއެވެ.
ދެވަނަ ހާފު ފެށުމާއި އެކު ޓޮޓްނަމްގެ ހަމަލާތައް ވަރުގަދަވެ ފުރަތަމަ ގޯލް 49 ވަނަ މިނިޓްގައި ކާމިޔާބުކުރީ ބްރެން ޖޯންސަން އެވެ. ޑޮމިނިކް ސޮލާންކޭގެ ވަނީ ހަތަރު މިނިޓް ތެރޭގައި ދެ ގޯލް ކާމިޔާބުކޮށްފައެވެ. 75 ވަނަ މިނިޓްގައި ލީޑު ފުޅާކުރަން ސޮލާންކޭ އަށް އެހީތެރިވީ ޑެހަން ކުލުސްވެސްކީ އެވެ. 79 ވަނަ މިނިޓްގައި ޓޮޓްނަމްގެ ތިންވަނަ ގޯލް ސޮލާންކޭ ކާމިޔާބުކޮށްދިނީ ރިޗާލިސަން ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. ޓޮޓްނަމްގެ ފަހު ގޯލް ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ޖޭސަން މެޑިސަން އެވެ.
މި ނަތީޖާއާއެކު 16 ޕޮއިންޓާއެކު ޓޮޓްނަމް މިހާރު އޮތީ ތާވަލްގެ ހަތް ވަނައިގައެވެ. އެއީ ހަ ވަނައިގައި އޮތް ވިލާއަށްވުރެ ދެ ޕޮއިންޓް މަދުކޮށެވެ. ޗެލްސީ 18 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތްއިރު, މެންޗެސްޓަރ ޔުނައިޓަޑް އޮތީ 12 ޕޮއިންޓާއެކު ތާވަލްގެ ތޭރަ ވަނައިގައެވެ.
ރިއެކްޝަންސް