އަންނަ އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
ޕީއެސްއައިޕީ އަށް 12.4 ބިލިއަން ރުފިޔާ
އަންނަ އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހުށަހަޅައިފި އެވެ. ރައްޔިތުންގެ މަޖިލިހަށް ބަޖެޓް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރެވެ.
ފިނޭންސް މިނިސްޓަރ ހުށަހެޅުއްވި ބަޖެޓަކީ މިހާރު ހިނގަމުންދާ އަހަރުގެ ބަޖެޓަށްވުރެ 1.6 ބިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ. މިދިޔަ ހަފްތާގައި ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާއެކު ހިނގަމުންދާ އަހަރުގެ ބަޖެޓްގެ ޖުމްލަ އަރަނީ 55 ބިލިއަން ރުފިޔާ އަށެވެ.
އަންނަ އަހަރަށް ދަތުލަތުން ހުށަހެޅި ބަޖެޓަކީ ޕީއެސްއައިޕީ މަޝްރޫއުތަކަށް އެންމެ ބޮޑު އަދަދެއް ހިމެނޭ ބަޖެޓެވެ. ޕިއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މީގެއިތުރުން ބޯހިޔާވަހިކަމަށް ބަޖެޓްގައި ވަނީ ބޮޑު އިސްކަމެއް ދީފައެވެ. ހައުސިންގ މަޝްރޫއުތަކަށް ސަރުކާރުން ސީދާ ގޮތެއްގައި ޚަރަދު ކުރުމަށް 1.5 ބިލިއަން ރުފިޔާ ވަނީ ހިމަނުއްވާފައެވެ. މިބަޖެޓް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބެހިގެން ދާނެއެވެ. މީގެއިތުރުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން %5 ގައި 2-4 ބިލިއަން ރުފިޔާއާ ދެމެދުގެ ލޯނު ދޫކުރުމަށްވެސް ވަނީ ނިންމަވާފައެވެ.
ސިއްހީ ދާއިރާއިން ބަލާއިރު 5 ހޮސްޕިޓަލް އިމާރާތް ކުރަން ބަޖެޓްގައި ހިމަނާފައި ވެއެވެ. އެއާއެކު ކެންސަރު ބައްޔާއި, ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމާއި, އޯގަން ޓްރާންސްޕްލާންޓް ފަދަ ޚިދުމަތްތައް ލިބިދެވޭނެކަން ފާހަގަކޮށްފައި ވެއެވެ. އަދި އެކި ސަރަހައްދުތަކުގައި ސަރަހައްދީ ފެންވަރުގައި ޚިދުމަތް ފުޅާވެގެންދާނެކަން ފާހަގަކޮށްފައި ވެއެވެ.
އަންނަ އަހަރުގެ ބަޖެޓްގައި ޖުމްލަ އާމްދަނީ ހިލޭ އެހީއާއެކު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 39.8 ބިލިއަން ރުފިޔާ އެވެ. ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ އަދި ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.8 ބިލިއަން ރުފިޔާ, ޖުމްލަ ޚަރަދުގެ ގޮތުގައި ހިމަނާފައިވަނީ 49.2 ބިލިއަން ރުފިޔާ އެވެ. 2025 ވަނަ އަހަރުގެ ބަޖެޓް 9.4 ބިލިއަން ރުފިޔާ ޑެފިސިޓްވާނެއެވެ.
ރިއެކްޝަންސް