ސަޕްލިމެންޓްރީ ބަޖެޓް ފާސްކޮށްފި
މިއަހަރުގެ ބާކީ އޮތް މުއްދަތަށް ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ. ސަރުކާރުން ހުށަހެޅުއްވި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރީ އުނިއިތުރު ގެނައުމެއް ނެތި ހުށަހެޅުއްވި ގޮތަށެވެ. އިއްޔެ ކޮމިޓީންވެސް ބަޖެޓަށް ރުހުންދީ ތަޅުމަށް ފޮނުވީ އޮޮތް ގޮތަށެވެ.
ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރީ ރައްޔިތުންގެ މަޖިލިހުގައި ސުޕަރ މެޖޯރިޓީ އޮތް ޕީއެންސީ މެމްބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސްކުރަން 75 މެމްބަރުން ވޯޓް ދެއްވިއެވެ. ދެކޮޅަށް ވޯޓް ދެއްވީ 11 މެމްބަރުންނެވެ. އެއީ އެމްޑީޕީ މެމްބަރުންނެވެ.
ސަޕްލިމެންޓްރީ ބަޖެޓާއެކު މިއަހަރުގެ ބަޖެޓް ޑެފިސސިޓް 18 ބިލިއަން ރުފިޔާއަށް އަރާނެއެވެ. އަދި ޖުމްލަ ބަޖެޓް 55 ބިލިއަނަށް އަރާނެއެވެ. މިއަހަރަށް ފާސްކުރީ 50 ބިލިއަނާ ގާތްކުރާވަރުގެ ބަޖެޓެކެވެ.
ސަޕްލިމެންތްރީ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ މޫސާ ޒަމިރު ވިދާޅުވީ އެންމެ ބޮޑު ސަބަބަކީ މިއހަަރުގެ ބަޖެޓަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ތަސައްރަށް ފުރިހަމައަށް އެކުލަވާލެވިފައިވާ ބަޖެޓަކަށް ނުވުން ކަމަށެވެ. އަދި ތަރައްޤީގެ މަޝްރޫއުތައް މެދުނުކެނޑި ކުރިއަށް ގެންދިއުމާއި, މަޝްރޫއުތަކަށް ދައްކަން ހުރި ބިލްތަކަށް ފައިސާ ދެއްކުމެވެ. މީގެއިތުރުން ބޭސްފަރުވާގެ އެހީއާއި ސަރުކާރު ކުންފުނިތަކަށް ދޭންވެސް ސަޕްލިމެންޓްރީ ބަޖެޓްގައި ވަނީ ފައިސާ ހިމަނާފައެވެ.
ރިއެކްޝަންސް