ޒަކާތު ފައިސާ ހިމެނޭހެން 9 ލައްކައަށް ވުރެ ގިނަ ރުފިޔާ މާއެނބޫދޫ ކައުންސިލުން ދައުލަތަށް ޖަމާނުކުރާކަން ހާމަވެއްޖެ

ޒަކާތު ފައިސާ ހިމެނޭހެން 9 ލައްކައަށް ވުރެ ގިނަ ރުފިޔާ މާއެނބޫދޫ ކައުންސިލުން ދައުލަތަށް ޖަމާނުކުރާކަން ހާމަވެއްޖެ

14 hours ago - 09:57
Advertisement
Advertisement

ދ. މާއެނބޫދޫ ކައުންސިލްގެ އިދާރާއަށް އެކި ޚިދުމަތްތަކުން ލިބިފައިވާ އާމްދަނީގެ ތެރެއިން 917,532 (ނުވަލައްކަ ސަތާރަހާސް ފަސްސަތޭކަ ބައްތިރީސް) ރުފިޔާ، ދައުލަތުގެ މައި ބޭންކް އެކައުންޓަށް ޖަމާނުކޮށް ހިފަހައްޓާފައިވާ މައްސަލައެއް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވި ރިޕޯޓަކުން ހާމަވެއްޖެއެވެ.


މިކަން ހާމަވެފައިވަނީ މާއެނބޫދޫ ކައުންސިލްގެ 2024 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުންނެވެ. އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދު ބަޔާންކުރާ ގޮތުން ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އޮފީސްތަކަށް އާމްދަނީގެ ގޮތުގައި ލިބޭ އެންމެހައި ފައިސާއެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ހުޅުވާފައިވާ ޕަބްލިކް ބޭންކް އެކައުންޓަށް (ޕީބީއޭ) ޖަމާކުރަން ޖެހެއެވެ.


ނަމަވެސް، 2013 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް އެ ކައުންސިލަށް އެކި ޚިދުމަތްތަކުން ލިބުނު ފައިސާގެ ތެރެއިން ބޮޑު އަދަދެއް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް އޮޑިޓް ކުރިއިރުވެސް ދައުލަތުގެ މައި އެކައުންޓަށް ޖަމާކޮށްފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.


ޖަމާނުކޮށް ހުރި ފައިސާގެ ތަފްސީލު:
ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާނުކޮށް ހުރި ފައިސާގެ ތެރޭގައި އެންމެ ބޮޑު އަދަދެއް ހިމެނެނީ މުދަލު ޒަކާތުގެ ގޮތުގައި ރައްޔިތުން އަތުން ބަލައިގެންފައިވާ ފައިސާއިންނެވެ. އޮޑިޓް ރިޕޯޓުގައިވާ ގޮތުން ޖަމާނުކޮށް ހުރި ފައިސާގެ ތަފްސީލަކީ:

މުދަލު ޒަކާތުގެ ފައިސާ: 2020 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ދެމެދު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 662,132 ރުފިޔާ.
ޓްރާންސްޕޯޓް ޚިދުމަތުގެ ފީ: 2016 އިން 2024 އަށް އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ޓްރާންސްޕޯޓް ޚިދުމަތްތަކުން ލިބުނު 187,700 ރުފިޔާ.
އައިޑީ ކާޑު ހެއްދުމުގެ ފީ: 2013 އިން 2023 އަށް އައިޑީ ކާޑު ހެއްދުމުގެ ޚިދުމަތުން ލިބުނު 60,200 ރުފިޔާ.
ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ފީ: އެކި ދުވަސްވަރު ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ފީގެ ގޮތުގައި ލިބިފައިވާ 7,500 ރުފިޔާ.

މި ފައިސާތަކަކީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަނޑައެޅިފައިވާ މުއްދަތުގައި ދައުލަތުގެ މައި އެކައުންޓަށް ޖަމާކުރަންޖެހޭ ފައިސާ ކަމަށްވާތީ، ވީއެންމެ އަވަހަކަށް އެ ފައިސާ ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ މާއެނބޫދޫ ކައުންސިލަށް އަންގަވާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement