ހިޒްބުاللهގެ އާ ލީޑަރު ކަމަށް ކަނޑައަޅާނެ ކަމަށް ބެލެވުނު ޙާޝެމް ސަފިއްދީން އިޒްރާއިލްއިން އަވަހާރަކޮށްލައިފި
ސެޕްޓެމްބަރު 27ގައި އިޒްރާއިލްއިން ލުބުނާނަށް ދިން ހަމަލާތަކުގައި އަވަހާރަކޮށްލި ހިޒްބުالله ގެ ލީޑަރު ޙަސަން ނަޞްރުالله ގެ މަޤާމަށް އަންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ޙާޝެމް ސަފިއްދީން އަވަހާރަކޮށްލައިފިއެވެ. އޭނާ އަވަހާރަކޮށްލާފައިވަނީ ބުދަ ދުވަހު އިޒްރާއިލްއިން ދެކުނު ލުބުނާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައެވެ. ސަފިއްދީން އަވަހާރަކޮށްލާފައިވާކަން ހިޒްބުالله އިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
ނަޞްރުالله އަވަހާރަވުމަށްފަހު ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ނައިމް ޤަސެމް އާއެކު ހިޒްބުالله ގެ ހިންގުމާއި އޮޕަރޭޝަންސްގައި އެންމެ އިސްރޯލެއް އަދާކުރައްވަނީވެސް ސަފިއްދީނެވެ. ނަމަވެސް އަވަހާރަކޮށްލިއިރު އެ ޖަމާއަތުގެ އާ ލީޑަރަކަށް ރަސްމީކޮށް ސަފިއްދީން އައްޔަނުކޮށްފައެއްނުވެއެވެ. ސަފިއްދީން އަކީ ނަޞްރުالله ގެ ތިމާގެ ބޭފުޅެކެވެ. އޭނާއަކީ އެޖަމާއާތުގެ ޖިހާދު ކައުންސިލްގެ ވެސް މެމެބަރެކެވެ. ޖިހާދު ކައުންސިލްއަކީ ޖަމާއަތުގެ އަސްކަރީ އޮޕަރޭޝަންސް ތަކުގެ ޒިންމާ ނަގާ ގުނަވަނެވެ. އެގްޒެކެޓިވް ކައުންސިލްގެ އެންމެ އިސް ފަރާތުގެ ހައިސްޔަތުން ޖަމާއަތުގެ ފައިސާއާއި އިދާރީ ކަންތައްތައް ނަޞްރުالله ގެ ޒައާމަތުގައިވެސް ބަލަހައްޓަމުން ގެންދިޔައީ ސަފިއްދީންއެވެ.
މީގެ ކުރިން ސަލާމަތީ ސަބަބުތަކާހުރެ އޭރުގެ ލީޑަރު ޙަސަން ނަޞްރުالله އަށް ވަޑާއިނުގެންނަވޭ އިވެންޓްތަކަށާއި, ޖަނާޒާތަކަށްވެސް ނަޞްރުالله ބަދަލުގައި ވަޑައިގަންނަވަނީ ސަފިއްދީން އެވެ.
އިޒްރާއިލްއިން ދެކުނު ލުބުނާނުގެ, ޙާއްސަކޮށް ބެކާވެލީގެ ތެރެއަށް އަތްގަދަކުރަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި, މިވަގުތު ހިޒްބުالله އެންމެ އިސް ލީޑަރުކަމަށް އަންނާނެ ކަމަށް ބެލެވުނު ސަފިއްދީން އަވަހާރަވުމަކީ އެ ޖަމާއަތަށް ލިބުނު ވަރަށް ބޮޑު ނުތަނަވަސްކަމެކެވެ. ބެކާވެލީ އަކީ ހިޒްބުالله ގެ ބާރު ދެކުނު ލުބުނާނުގައި އެންމެ ވަރުގަދަ ސަރަޙައްދެވެ. ސެޕްޓްމްބަރު މަހު ފަހުކޮޅު އިޒްރާއިލްއިން އެއްގަމު މަގުން އެސަރަޙަށްދަށް ޓޭންކަރުތަކާއި ބުލްޑޯޒަރުތަކުގައި އަރަން ކުރި މަސައްކަތް ހިޒްބުالله އިންވަނީ ނާކާމިޔާބު ކޮށްލާފައެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް ވައިގެ މަގުން އިޒްރާއިލްއިން ލުބުނާނުގެ އެކި ސަރަޙައްދުތަކަށް ދަނީ ހަމަލާ ދެމުންނެވެ.
ރިއެކްޝަންސް