ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރާއެކު ސްރީ ލަންކާގެ އަރުގަމް ބޭގައި ސެކިއުރިޓީ މަތިކޮށްފި
ސްރީ ލަންކާގެ މަޝްހޫރު ސަރފިން މަންޒިލް, އަރުގަމް ބޭ ސަރަހައްދުގައި ފުލުހުން ފޯރިމަރަން ފަށައިފިއެވެ. ސަލާމަތީ މިންގަނޑު މަތިކޮށް, ފިޔަވަޅުތައް ވަރުގަދަކޮށްފައި މިވަނީ ސްރީލަންކާގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާކަމަށް އެމެރިކާއިން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ފުލުހުންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ހަމަލާއެއް ދީފާނެ ކަމުގެ މައުލޫމާތު ލިބިފައިވަނީ ހަމައެކަނި އިޒްރާއިލްގެ ފަރުތުވެރިންނާ ދެކޮޅަށެވެ.
ބުދަ ދުވަހު މީޑިއާތަކާ ވާހަކަދައްކަމުން ތަރުޖަމާނު, ނިހާލް ތަލްދުވާ ވިދާޅުވެފައިވަނީ އިންޒާރާ ގުޅިގެން ސެކިއުރިޓީ ލެވެލް މަތިކޮށްފައިވަނީ ހަމައެކަނި އަރުގަމް ބޭގެ އުތުރު ސަރަޙައްދު ތަކުގައި ކަމުގައެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނުގައި ވަކިއެއްޗެއް އަންގަންދެން އަރުގަމް ބޭ ސަރަޙައްދަށް ނުދިއުން އެދެވޭކަމަށް ބުނެފައި ވެއެވެ. "އެސަރަޙައްދުގެ މަޝްހޫރު ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނަށް ހަމަލާއެއް ދީފާނެ ކަމުގެ އިތުބާރު ހުރި މަޢުލޫމާތު ވަނީ ލިބިފައި" ބަޔާނުގައި ބުނެފައި ވެއެވެ.
އެމެރިކާގެ މި އިންޒާރާއެކު އިޒްރާއިލްއިން ވަނީ ސްރީލަންކާގެ އަރުގަމް ބޭ އުތުރު އަދި ދެކުނުގައިވެސް މޫދާ ކައިރި ސަރަޙައްދުތަކުގައި ތިބި އެގައުމުގެ ހުރިހާ ރައްޔިތުން ވަގުތުން އެސަރަޙައްދު ދޫކޮށް ދިއުމަށް އަންގާފައެވެ.
ތަލްދުވާ ވިދާޅުވެފައިވާ ގޮތުގައި މަގުތަކުގައިވެސް ސެކިއުރިޓީ ޗެކްޕޮއިންޓްތައް ހަދާ, މީހުންނާއި އުޅަނދުތައްވެސް ބަލާފާސްކޮށް, އުތުރުގެ ގިނަ ސަރަޙައްދުތަކުގައި މިހާރު ފުލުހުން ދަނީ ފޯރިމަރަމުންނެވެ. އަދި ސީޒަން ފެށޭއިރު މުޅި ޤައުމުގެ ސެކިއުރިޓީ މަތިކޮށް ފަތުރުވެރިންނަށް ރައްކާތެރި މަންޒިލަކަށް އެޤައުމު ހަދާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ކަރަޕްޝަނާއި ސިޔާސީ ހަލަބޮލިކަމަށް ފަހު ފާއިތުވި މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި މުޅިން އާ ވެރިއެއް ހޮވާ, ސްރީ ލަންކާ ދަނީ ވެއްޓިފައިވާ އިޤްތިޞާދީ އަނދަވަޅުން ސަލާމަތްވުމަށް މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ. ފަތުރުވެރިކަމަކީ ސްރީ ލަންކާގެ އިޤްތިޞާދު ހަމަޔަކަށް އެޅުވުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރާނެ ސިނާއަތެވެ.
2019 ވަނަ އަހަރު ސްރީ ލަންކާގައި ދިން އީސްޓަރ ބޮމުގެ ހާދިސާތަކާ ގުޅިގެން އެގައުމުގެ ފަތުރުވެރި ކަމުގެ ސިނާއާތަށް ބިޔަ ރާޅެއް އައުމަށްފަހު ކޮވިޑާއި ސިޔާސީ މަޞްރަހާއެކު އިޤްތިޞާދީ ހާލަތު ދަށްވެ ހުރިހާ ސިނާޢަތްތަކެއްހެން ހުރީ ގާތްގަނޑަކަށް ހުއްޓިފައެވެ. ފަތުރުވެރިކަންވެސް ގާތްގަނޑަކަށް ތިން އަހަރެއްހާ ދުވަހު އެއްކޮށްކަހަލަ ގޮތަކަށް ހުއްޓިފައި އޮތުމަށް ފަހު މިހާރު ވަނީ ރަނގަޅުވާން ފަށާފައެވެ.
ރިއެކްޝަންސް