އިޒްރާއިލްއިން އުތުރު ޣައްޒާގައި އަނެއްކާވެސް ބޮޑު ޤަތުލެއް, 73 މަރު!
ސުންނާފަތިވެފައިވާ ބެއިތް ލަހިޔާގެ ސަރަހައްދެއް، ފޮޓޯ: އެންބީސީ ނިއުސް

އިޒްރާއިލްއިން އުތުރު ޣައްޒާގައި އަނެއްކާވެސް ބޮޑު ޤަތުލެއް, 73 މަރު!

ފުނޑުފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު މީހުންގެ ހަށިތައް ތާށިވެފައި ވާނެކަމަށް ބެލެވޭ އިރު މި ޤަތުލުގައި މަރާލި މީހުންގެ އަދަދު އިތުރަށް މައްޗަށްދާނެކަމަށް އަންދާޒާ ކުރެވޭ

2 days ago - 07:44
Oct 20, 2024 - 12:41

އިޒްރާއިލްއިން އުތުރު ޣައްޒާގެ ބެއިތު ލަހިޔާއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި 73 މީހަކު މަރާލައިފިއެވެ. ފުނޑުފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު މީހުންގެ ހަށިތައް ތާށިވެފައި ވާނެކަމަށް ބެލެވޭ އިރު މި ޤަތުލުގައި މަރާލި މީހުންގެ އަދަދު އިތުރަށް މައްޗަށްދާނެކަމަށް އަންދާޒާ ކުރެވެއެވެ. ހުކުރު ދުވަހުވެސް އުތުރު ޣައްޒާގެ ޖަބާލިއާ އަދި މަޤާޒީ ރެފިއުޖީ ކޭމްޕުތަކަށް ދިން ހަމަލާތަކުގައި 44 މިހުން މަރުވެ, 80 ށްވުރެ ގިނަމީހުން ޒަހަމްވެފައިވާ ކަމަށް ޣައްޒާގެ މީޑިއާ އޮފިސަރާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވެއެވެ.

އުތުރު ޣައްޒާގެ އަލް-އަވްދާ އަދި ކަމާލް އަދްވާން ހޮސްޕިޓަލަށްވެސް އިޒްރާއިލްއިން ވަނީ ހަމަލާތަކެއް ދީފައެވެ. އަދި ދެކުނުގައި ފެނުގެ އިންފްރާސްޓްރަކްޗާ މަރާމާތުކުރަން މަސައްކަތް ކުރަމުން ދިޔަ ބަޔަކަށްވެސް ވަނީ ހަމަލާދީ މަރާލާފައެވެ. އުތުރު ޣައްޒާއަށް މިދެތިން ދުވަހު ގިނަ  ހަމަލާތަކެއް ދީފައިވާއިރު, ކަރަންޓުނެތި އުތުރު ޣައްޒާއާއި ދުނިޔެއާ މުވާސަލާތީ ގުޅުން ކެނޑިފައިވާތާ މިއަދަށް ވަނީ 16 ދުވަސްވެފައެވެ. އިޒްރާއިލް އަސްކަރިއްޔާގެ ފުރިހަމަ ބާރުގެ ދަށުގައި މިހާރުއޮތް އުތުރު ޣައްޒާއަށް ފެނާއި, ކާނާ, އަދި އަސާސީ ސިއްޙީ ސާމާނު ފޯރުކޮށްދިނުންވެސް އިޒްރާއިލްއިން ވަނީ ހުއްޓާލާފައެވެ. އަދި އުތުރަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ އެންމެހާ ދޮރުތަކެއް އިޒްރާއިލްއިން ވަނީ ބަންދުކޮށްފައެވެ. މިއާއެކު އދ ން ވަނީ އުތުރު ޣައްޒާގެ ގިނަ ރައްޔިތުންތަކެއް ބަނޑަށް މަރުވެދާނެ ކަމުގެ އިންޒާރު ދީފައެވެ. މީގެ ކުރިން އދ ގެ އިންސާނީ އެހީ އުތުރު ޣައްޒާގައި ފޯރުކޯށްދެވޭނެ ގޮތެއްނެތި އދ ގެ ވަރލްޑް ފުޑް ޕްރޮގްރާމްވެސް ވަނީ އުތުރު ޣައްޒާގައި ހުއްޓާލާފައެވެ.

އިޒްރާއިލްއިން ޣައްޒާގައި ކުރަމުންދާ ހަނގުރާމައަށް 12 މަސް ވެފައިވާއިރު މުޅި ޣައްޒާވަނީ ގާތްގަނޑަކަށް ބަނޑަށް ޖެހިފައިކަމަށް އދ ގެ ރެފިއުޖީ އެޖެންސީ އޮން ފަލަޞްޠީން (އުންރުވާ) އިން ވަނީ ބުނެފައެވެ. 1.8 މިލިއަން މީހުން ކާނާ ލިބުމުގެ ދަތިކަންވަރަށް ބޮޑަށް ތަޙައްމަލް ކުރަމުންދާ ކަމަށާއި އޭގެތެރެއިން 133,000 މީހުންނަކީ އެކަން އިންތިހާއަށް ތަޙައްމަލް ކުރަމުންދާ މީހުންކަމަށް އުންރުވާގެ ރިޕޯޓްގައިވެއެވެ.

އިޒްރާއިލްއިން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 42,519 މީހަކު މަރާލާފައިވެއެވެ. އަދި ލައްކައަކަށް ވުރެ ގިނަ މީހުން ޒަހަމް ވެފައިވާއިރު މުޅި ޣައްޒާ ވަނީ ސުންނާފަތިވެފައެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow