ޓެކްސް ބޮޑުކުރަން މަޖުބޫރުކުރީ މިދިޔަ އެމްޑީޕީ ސަރުކާރުން- މެމްބަރު އިއްބެ
ޓެކްސް ބޮޑުކުރަން މަޖުބޫރުކުރީ މިދިޔަ އެމްޑީޕީ ސަރުކާރުން ކަމަށް ބުނެ, އެސަރުކާރަށް ރައްޔިތުންގެ މަޖިލިހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސައިން (އިއްބެ) ފާޑުވިދާޅުވެއްޖެ އެވެ.
ޓޫރިޒަމްގެ ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހެޅި ބިލަށް ވާހަކަދައްކަމުން މެމްބަރު އިއްބެ ސުވާލުކުރެއްވީ ޓެކްސް ބޮޑުކުރަން ޖެހުނީ ކީއްވެތޯއެވެ. އޭނާ ވިދާޅުވީ މިއަދު ޓެކްސް ބޮޑުކުރަން ޖެހުނީ ދިވެހިރާއްޖެއަށް ނުކަތާ ވަރަށް ލޯނު ނަގައިގެންނާއި, ފައިސާ ޗާޕްކޮށްގެން ގެނެސް އެފައިސާތަކަށް ހެދިގޮތެއް ނޭންގިގެން ކަމަށެވެ. އެފައިސާތައް ދިޔަތަނެއް, ލިބުނު ބައެއް ނޭންގޭ ކަމަށް ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ އެފައިސާތައް ބެހީ ކޮންބަޔަކަށް ކަންވެސް ނޭންގޭ ކަމަށާއި, އިނގެނީ އެފައިސާ ރައްޔިތުންގެ ފައިދާއަށް ބޭނުންކޮށްފައި ނެތްކަން ކަމަށެވެ. މިއަދު ޓެކްސް ބޮޑުކުރަން ޖެހިފައިވަނީ އެސަބަބާ ހުރެ ކަމަށް އޭނާ ވިދާޅުވިއެވެ.
" ކޮންމެސް އިރަކުން މިފައިސާ ދައްކަން ޖެހޭނެތާ. ގައުމުގަ ނެތް ފެންވަރަށް ގައުމަކަށް ނުކަތާ ވަރަށް, ގައުމަކަށް ފައިސާ ނެގީމާ ދިމާވެގެން އުޅޭ މައްސަލަ މިއަދު މިދިމާވެގެން އުޅެނީ. ލޯނުތައް ނަގައިގެން ކުރިކަމެއް ނެތް ފެންނާކަށް." އިއްބެ ވިދާޅުވިއެވެ.
ޕީއެންސީގެ މެމްބަރު ވިދާޅުވީ ލޯނު ނަގައިގެން އެފައިސާ އަމިއްލަ ޕާޓީގެ (އެމްޑީޕީ) މީހުންނަށް ބަހަމުން, ޕާޓީގެ މެމްބަރުން ބޮޑަތި މުއްސަނދިންނަށް ހަދާފައިވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު ރައްޔިތުން ބިކަވެފައިވާ ކަމަށް ވިދާޅުވިއެވެ. މިސަރުކާރުން މިއަދު ޓެކްސް ބޮޑުކުރާ ވާހަކަ ދައްކަނީ ރައްޔިތުންނަށް ފައިދާކުރަނިވި, ބިނާކުރަނިވި ކަންކަން ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ސަރުކާރަށް ފާޑުވިދާޅުވެ މެމްބަރު އިއްބެ ވިދާޅުވީ މިދިޔަ އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ކުންފުނިތައްވެސް ދަރުވާލާފައިވާ ކަމަށެވެ. އެކުންފުނިތަކުން މަސައްކަތް ކުރުވާފަ އެތައް ބިލިއަން ރުފިޔާއެއް ނުދައްކާ އެބަހުރި ކަމަށް ވިދާޅުވިއެވެ.
"މަސްވެރިންނަށް ފައިސާ ނުދީ ހުރީ, ފެނަކަ އޮތީ ދަރުވާލާފަ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފައިސާތައް ގެއްލިފަ." އިއްބެ ވިދާޅުވިއެވެ.
ރިއެކްޝަންސް