އދ ގެ ވެރިޔާއަށް އިޒްރާއިލްއަށް އެރުން މަނާކޮށް, މަރުޙަބާ ނުކިޔާނެކަމަށް ބުނެފި
އދ ގެ ސެކްރެޓަރީ ޖެނެރަލް, އެންޓޯނިއޯ ގަޓަރޭސް

އދ ގެ ވެރިޔާއަށް އިޒްރާއިލްއަށް އެރުން މަނާކޮށް, މަރުޙަބާ ނުކިޔާނެކަމަށް ބުނެފި

އިޒްރާއިލް އިން ވަނީ އެންޓޯނިއޯ ގަޓަރޭޒް ޓެރަރިސްޓުންނަށް ވާގިވެރިވާކަމަށް ތުހުމަތުކޮށްފަ.

16 days ago - 19:53
Oct 2, 2024 - 19:54

އދ ގެ ސެކްރެޓަރީ ޖެނެރަލް, އެންޓޯނިއޯ ގަޓަރޭސް އިޒްރާއިލްއަށް އެރުން މަނާކޮށް, އިޒްރާއިލްއިން އޭނާއަށް މަރުޙަބާ ނުކިޔާނެކަމަށް ބުނެފިއެވެ. އިޒްރާއިލްއިލްގެ ޙާރިޖީ ވަޒީރު ވަނީ ގަޓަރޭޒް އަކީ "ޕާސޮނާ ނަން ގްރޭޓާ" (މަރުޙަބާ ނުކިޔާނެ ނުވަތަ ޤަބޫލުނުކުރާނެ) މީހެއްކަމަށް ކަނޑައަޅާފައެވެ.

ޙާރިޖީ ވަޒީރު, އިޒްރާއިލް ކާޓްޒް ބުދަ ދުވަހު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އީރާނުން އިޒްރާއިލްއަށް ދިން މިސައިލް ޙަމަލާތައް ކުށްވެރިކުރުމުގައި ގަޓަރޭސް ފެއިލްވެފައި ވާ ކަމުގައެވެ. އިޒްރާއިލްއިން ވަނީ އަސްކަރިއްޔާއިން ޣައްޒާގައި އަހަރެއްހާ ދުވަސްވަންދެން ހިންގުމުންދާ ހަމަލާތަކާ ގުޅޭގޮތުން އދން ގެންގުޅޭ ސިޔާސަތަށްވެސް ފާޑުކިޔާފައެވެ.

ގަޓަރޭސް ޓެގްކޮށް, ކާޓްޒް ކުރި ޕޯސްޓްގައި ބުނެފައިވަނީ ގަޓަރޭސްއަކީ ޓެރަރިޒަމަށް ވާގިވެރިވާ މީހެއްކަމަށާއި, މީހުންމަރާ މީހުންނަށާއި ރޭޕިސްޓުންނަށް ތާއިދުކުރާ މީހެއްކަމަށެވެ. އަދި ގަޓަރޭޒް އަކީ އދ ގެ ހަޔާތުގައި ޖެހުނު ލައްގަނޑެއް ކަމަށްވެސް ބުނެފައިވެއެވެ.

އިޒްރާއިލްއިން މިހެން އަމަލުކޮށްފައިވަނީ އަންގާރަ ދުވަހު އީރާންއިން އިޒްރާއިލްގެ ސަލާމަތީ އަދި އަސްކަރީ މަރުކަޒުތަކަށް ދިން މިސައިލް ހަމަލާއާ ގުޅިގެން ގަޓަރޭސް ނެރުނު ބަޔާނާ ގުޅިގެން އުފެދުނު ހިތްހަމަނުޖެހުމާއެކުއެވެ.

Advertisement

ހަމަލާތައް ދިންތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ގަޓަރޭސް ވަނީ މެދުއިރުމަތީގެ މަޞްރަޙް ގޮސްވެދާނެ ޙަމަލާތައް ކުށްވެރިކުރާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭނާގެ ބަޔާނުގައި އީރާންގެ ނަން ފާހަގަކޮށްފައެއް ނުވެއެވެ.

"މެދު އިރުމަތީގެ މަޞްރަޙް ގޯހުން ގޯހަށް ގޮސްދާނެ އެންމެހާ ހަމަލާއެއް އަހަރެން ކުށްވެރިކުރަން. މިކަން ހުއްޓާލަންޖެހޭ. ހަމަލާތައް ފުރިހަމައަށް ހުއްޓާލަންޖެހޭ" އެކްސް މެދުވެރިކޮށް ގަޓަރޭސް ގެ ބަޔާނުގައި ބުނެފައިވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow