ލަމީން ޔަމާލް އަކީ އޭނާގެ ޖީލުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ: ކްރިސްޓިއާނޯ ރޮނާލްޑޯ
ލަމީން ޔަމާލް އަކީ އޭނާގެ ޖީލުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ފުޓްބޯޅައިގެ ތާރިޚުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ, ކްރިސްޓިއާނޯ ރޮނާލްޑޯ ބުނީ ބާސެލޯނާ އަށް ކުޅެމުން އަންނަ 17 އަހަރުގެ ޔަމާލް މިހާތަނަށް ދައްކާފައިވާ ކުޅުންފެނި އޭނާވެސް ހައިރާންވާކަމަށެވެ.
"އޭނާގެ ޤާބިލްކަން ވަރަށް ބޮޑަށް އެބަހުރި. އޭނާގެ ކިބައިން އަހަންނަށް ބައިވަރު ހުނަރު ފެނޭ. އޭނާގެ ދަތުރު ކުރިއަށް ދާގޮތް ބަލަންތިބެމާ. އަހަންނަށް ޤަބޫލުކުރެވެނީ އޭނާގެ ޖީލުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް އޭނާ (ޔަމާލް) ވާނެއޭ" ރޮނާލްޑޯގެ އަމިއްލަ ޔޫޓިއުބް ޗެނަލްގައި ރިއޯ ފާޑިނެންޑް އާ ވާހަކަ ދައްކަމުން ރޮނާލްޑޯ ބުންޏެވެ.
ބުރާސްފަތި ދުވަހު ބާސެލޯނާއިން މޮނާކޯއާ ދެކޮޅަށް ކުޅެ 2-1 ން ބަލިވި މެޗުގައިވެސް ބާސެލޯނާގެ ހަމައެކަނި ގޯލް ޖަހައިދީފައިވަނީ ލަމީން ޔަމާލްއެވެ. މިއީ ޗެމްޕިއަންސް ލީގުގައި އޭނާގެ ފުރަތަމަ ގޯލެވެ. ބާސެލޯނާ, އަދި ސްޕެއިންގެ ޤައުމީ ޓީމާއެކުވެސް ޔަމާލް ވަނީ އެތައް ރެކޯޑެއް ޤާއިމްކޮށްފައެވެ.
އުމުރުން އެންމެ 16 އަހަރުގައި ޔަމާލް ވަނީ ލަލީގާގައި ގޯލް ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ހޯދާފައެވެ. އަދި ޔޫރަޕިއަން ޗެމްޕިއަންޝިޕް ގައި ކުޅުނު އެންމެ އުމުރުން ހަގު ކުޅުންތެރިޔާގެ ރެކޯޑް އޮތީވެސް ޔަމާލްގެ އަތުގައެވެ.
ސްޕެއިންއަށް ޔޫރޯ-2014 ކާމިޔާބުކޮށްދިނުމުގައި މުޙިއްމު ރޯލެއް އަދާކުރި ޔަމާލް ވަނީ އެމުބާރާތުގެ އެންމެ މޮޅު ޒުވާންކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދާފައެވެ.
އާދިއްތަ ދުވަހު ލަލީގާގައި ކެޓަލޯނިއާގެ ކްލަބް ޖިރޯނާ އާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި އޭނާ ވަނީ ޖިރޯނާ ކޮޅަށް 2 ގޯލް ޖަހާފައެވެ. 4-1 ން ބާސާ އަތުން ބަލިވި މެޗަށްފަހު ޖިރޯނާގެ ކޯޗް މިކޭލް ސަންޗޭޒް ވެސް ވަނީ ޔަމާލްއާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ. އޭނާ ބުނެފައިވާގޮތުގައި ބާސެލޯނާގައި ކުރީގެ ކެޕްޓަން ލަޔޮނަލް މެސީ ކުޅުނު ފެންވަރާ ޔަމާލް އަރާ ހަމަކުރާނެއެވެ.
ނަމަވެސް ޔަމާލް ބުނެފައިވަނީ އޭނާ ކުޅެން ބޭނުންވަނީ އޭނާގެ ގޮތުގައި ކަމަށެވެ. އެހެންނަމަވެސް ބާސެލޯނާގެ ލެޖެންޑް އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ މެސީއާ އަޅާކިޔާ ކިއުމަކީ ޝަރަފެއްކަމުގައި ވެސް ޔަމާލް ބުނެފައި ވެއެވެ.
"އޭނާ އަށް ނަސީބުވެސް ބޭނުންވޭ. އެއީ އޭނަ އަދި ހަމަ ވަރަށް ޒުވާން. އަހަރެން އުއްމީދު ކުރަން އޭނާއަށް އެއްވެސް މައްސައެއް (އަނިޔާގެ) ދިމާ ނުވާނެކަމަށް" ރޮނާލްޑޯ ބުނެފައި ވެއެވެ.
ރޮނާލްޑޯ މީގެ ކުރިންވަނީ ރިއަލް މެޑްރިޑް ގެ މެދުތެރެއަށް ކުޅެމުން އަންނަ އިނގިރޭސި ވިލާތުގެ ޖޫޑް ބެލިންގހަމް އަށްވެސް ވަރަށްބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ. ޔަމާލް އެކޭ އެއްގޮތަށް ބެލިންހަމްގެ ވެސް ހުނަރާއި ޤާބިލިއްޔަތު ވަރަށް ބޮޑަށް އެބަހުރި ކަމަށާއި އެޖީލުގެ އެންމެ މޮޅު އެއްކުޅުންތެރިޔާއަށް ބެލިންގހަމް ވާނެކަމަށް ރޮނާލްޑޯ ބުނެފައި ވެއެވެ.
ރިއެކްޝަންސް