މާލެއަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހުނު 46 މީހަކު ގެސްޓްހައުސްތަކަށް ބަދަލު ކޮށްފި

މާލެއަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހުނު 46 މީހަކު ގެސްޓްހައުސްތަކަށް ބަދަލު ކޮށްފި

ރެއިން ފެށިގެން މާލެ ސަރަހައްދަށް ކުރަމުން އަންނަ ވިއްސާރައިގައި ހާލުގައި ޖެހުނު 46 މީހަކު ގެސްޓްހައުސްތަކަށް ބަދަލުކޮށްފި

8 months ago - 23:54
Jan 1, 2024 - 01:00
Advertisement

ރެއިން ފެށިގެން މާލެ ސަރަހައްދަށް ކުރަމުން އަންނަ ވިއްސާރައިގައި މާލޭގެ 11 ގޭބިސީއެއްގައި ހިމެނޭ 46 މީހަކު ގެސްޓްހައުސްތަކަށް ބަދަލު ކުރަން ފަށާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިރޭ ވިދާޅުވެއްޖެއެވެ.

މާލެއަށާއި ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުން އަންނަ ވިއްސާރައިގައި ވަރަށް ގިނަ ރަށްރަށުގައި ވަނީ ފެން ބޮޑުވެ، މީހުން ދިރިއުޅޭ ގެތަކަށް ވެސް ފެން ވަދެ ހިފައި ގެންގުޅޭ ތަކެއްޗަށް ވެސް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ.

ޣައްސާން ވިދާޅުވީ މިހާރު އެންމެ ބޮޑަށް ހާލުގައި ޖެހިފައިވާ އާއިލާތަކުގެ ކަންކަން ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ބެލުމުގެ ދަށުން ދިވެހި ރެޑް ކްރެސެންޓާއި އެމްއެންޑީއެފާއި ފުލުހުންނާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެފަރާތްތަކުގެ ހާލަތު ދެނެގަތުމުގެ އެސެސްމަންޓްތައް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ޣައްސާން ވިދާޅުވީ 11 ގޭބިސީއެއްގައި ހިމެނޭ 46 މީހުން ތިން ދުވަހަށް ގެސްޓްހައުސްތަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

"އެމީހުންގެ ހުރިހާ ހަރަދެއް ދައުލަތުން ހަވާލުވާނެ. ކެއުމާއި ހުރުމާ އެކީގައި" ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ ފެން ވަތް ގޭގޭގެ ހިފައި ގެންގުޅޭ ތަކެއްޗަށް ވަރަށް ބޮޑަށް ގެއްލުންވެފައި ހުރި ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ޖަންކްޝަންތަކުން ނަޖިސް އަރައިގެން ގެއްލުންތަކެއް ލިބިފައި ހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޑިފެންސް މިނިސްޓްރީގެ ޓީމުތަކުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ފެން ހިއްކުމަށް އެދިއްޖެ ހާލަތެއްގައި އެ މަސައްކަތް ވެސް ރަށްރަށުގައި ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓްރީގެ އަމާޒަކީ އެއްވެސް އާއިލާއެއް ސްކޫލް ހޯލަށް ގެންދާ ވަރު ނުކޮށް، ގެސްޓްހައުސްތަކުން އެމީހުންނަށް ޖާގަ ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement