ހޮޅުދުއަށް ފުލުހުންގެ ޚާއްޞަ ތަހުގީގު ޓީމެއް
ނ.ހޮޅުދޫން ޒަޚަމްތަކަކާއެކު މަރުވެފައި އޮތް މީހަކު ފެނުނު މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޚާއްޞަ ޓީމެއް އެރަށަށް ދިއުމަށް ފުރައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މައްސަލަ ތަހުގީގު ކުރުމަށް މާލެއިން ޚާއްޞަ ތަހުގީގު ޓީމެއް ހޮޅުދުއަށް ދިއުމަށް މިހާރު ފުރާފައިވާ ކަމަށެވެ. މިއަދު ހެނދުނު ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ އެރަށު ޒަކިއްޔާ މޫސާއެވެ. އޭނާގެ އުމުރަކީ 50 އަހަރެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ދިރިއުޅޭ ގެއިންނެވެ.
ހޮޅުދޫން މައުލޫމާތު ދިން މީހަކު ބުނީ އޭނާގެ ކަރު ވަށައިގެން ޒަޚަމްތަކެއް ހުރި ކަމަށެވެ. އަދި ބޮލާއި ގައިގެ އެހެން ބައެއް ތަންތަކުގައިވެސް ޒަޚަމްތައް ހުރި ކަމަށެވެ. އޭނާ ވެއްޓިފައި އޮތް އިތު ކައިރީގައި ވަޅިއެއް އޮތް ކަމަށްވެސް އެރަށުން މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
ޒަކިއްޔާއަށް މީހަކު ހަމަލާ ދިން ކަމަކަށް އެއްވެސް ފަރާތަކުން ނުބުނެއެވެ. ހޮޅުދޫން ވާހަކަ ދެއްކި މީހާވެސް ބުނީ އެކަން ޔަގީން ނުވާ ކަމަށާއި, ނަމަވެސް މިފަހުން އޭނާ ވަރަށް ބޮޑަށް ޑިޕްރެސަންގައި އުޅުނު ކަމަށެވެ. މަރުވެފައި އޮއްވާ ފެނުނު ގޭގެ ވަށައިގެން ސެކިއުރިޓީ ކެމެރާ ހުންނާ ކަމަށް ހޮޅުދޫން މައުލޫމާތި ދިން ފަރާތުން ބުންޏެވެ.
ޒަކިއްޔާ ހޮޅުދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ.
ރިއެކްޝަންސް