ބަރަހަނާ ފޮޓޯއާއި ވީޑިއޯއިން ވިޔަފާރި ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި
މައްސަލާގައި ހައްޔަރުކުރި ތިން މީހުން: ފޮޓޯ-ދިވެހި ފުލުހުންގެ ޚިދުމަތް

ބަރަހަނާ ފޮޓޯއާއި ވީޑިއޯއިން ވިޔަފާރި ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި

43 ޗެނަލް އެމީހުން ހިންގާފައިވޭ

10 days ago - 09:39
Advertisement

ބަރަހަނާ ފޮޓޯއާއި ވީޑިއޯއިން ވިޔަފާރި ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި އެވެ. އެމައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ފޮޓޯވެސް ފުލުހުން ވަނީ އާއްމުކޮށްފައެވެ.

ފުލުހުން ބުނީ އެ ތިން މީހުން ޓެލެގްރާމުގައި ގިނައަދަދެއްގެ ޗެނަލް ކްރިއޭޓްކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ، އެ ޗެނަލްތައް މެދުވެރިކޮށް ޕޯސްޓުކޮށް ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުންގެންދާ ކަމަށެވެ. އެމައްސަލައާ ގުޅިގެން ތިން މީހުން ހައްޔަރުކުރީ ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށް ބުންޏެވެ. މައްސަލައިގައި ހައްޔަރުކުރި ތިން މީހުންނަކީ:

 

- އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީ (45އ)،

Advertisement

- ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ (46އ)

- ކ. ކާށިދޫ، ސިލިންކޯ، އިސްމާޢީލް ރަބީޙް (29އ)އެވެ.

 

ފުލުހުން ބުނީ ތިން މީހުން ހައްޔަރުކޮށް މައްސަލައާ ގުޅުން ހުރި ޑިޖިޓަލް އިލެކްޓްރޯނިކް 14 އާލާތް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ތިން މީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް 9 އެކައުންޓު ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒް ކޮށްފައިވާކަމަށް ބުންޏެވެ.

 

އޭގެ އިތުރުން، ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒް ކޮށްފައިވާކަމަށްވެސް އެއިދާރާއިން ބުންޏެވެ. މި ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 24,1651 ފޮޓޯއާއި 86,618 ވީޑިއޯ  ޕޯސްޓުކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވުނު ކަމަށް އެއިދާރާއިން ބުންޏެވެ. އޭގެތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ ހިމެނޭކަމަށް ވެސް ފުލުހުން ބުންޏެވެ.

 

އަދި ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ޕޯސްޓުކުރުމަށް 43 ޗެނަލް އެމީހުން ހިންގާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

މި ޗެނަލްތަކަށްވަދެ ފައިސާ ދައްކައިގެން 3468 މީހުން ޗެނަލްތަކަށް ސަބްސްކްރައިބްކޮށްފައިވެއެވެ. އަދި މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ސަބްސްކްރިޕްޝަން ފީގެގޮތުގައި 2 މިލިޔަނެއްހާ ރުފިޔާ އާމްދަނީއެއް ނަހަމަގޮތުގައި ހޯދާފައިވާކަކަމަށްވެސް ފުލުހުން ބުންޏެވެ.

ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެކި ދުވަސް މަތިން އެކި ފަހަރު ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ޒުބައިރު ޢަލީ މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. ނިމުނު އޮގަސްޓު މަހުގެ 30 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އޭނާ ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައިވެއެވެ.

ނާޞިފް ޢަލީ ތިން ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކޮށް, މިމަހުގެ 5 ވަނަ ދުވަހު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އިސްމާޢީލް ރަބީޙް ދެ ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކުރި ކަމަށް ފުލުހުން ބުންޏެވެ. މިމަހުގެ 5 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

މިގޮތަށް މީސްމިޑިއާގައި ފޮޓޯއާއި ވީޑިއޯ ލީކުކޮށް އަދި ބްލެކްމެއިލްގެ ޝިކާރައަށް ވެފައިވާ ފަރާތްތަކުން ސައިބަރ ކްރައިމް ސެންޓަރުގެ ނަންބަރު 9136262 އަށް މައުލޫމާތު ހިއްސާކޮށްދެއްވުން ފުލުހުން ވަނީ އެދިފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement