ދިވެހި އަޚްލާޤީ ދަންމަރު އަލުން މި ރާއްޖޭގައި ހުޅުދާންކުރާނަން – ރައީސުލްޖުމްހޫރިއްޔާ
އެންމެންގެ މަދަދުވެރިކަމާއެކު ދިވެހި އަޚްލާޤީ ދަންމަރު އަލުން މި ރާއްޖޭގައި ހުޅުދާން ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ދަރުބާރުގޭގައި ބޭއްވެވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ޤައުމުގައި އިސްލާމީ އަޚްލާޤާއެކު އިސްލާމީ ދިވެހި އާދަކާދަވެސް ދިރުވައި އާލާކުރަން ޖެހޭކަމަށެވެ. އަދި މި ކަމުގައިވެސް ދިވެހީންގެ ވަރަށް ކައިރި ތާރީޚު ދައްކަނީ އާދަޔާ ޚިލާފު ރީތި ނަމޫނާއެއްކަން ފާހަގަކުރައްވައި, އޭރުގެ ދިވެހިންގެ އާދަކާދަތަކަށް ރައީސުލް ޖުމްހޫރިއްޔާ އަލިއަޅުވާލެއްވިއެވެ.
ރައީސް ވިދާޅުވީ ދިވެހީންގެ އަމިއްލަކަން ނުވަތަ ދިވެހި އައިޑެންޓިޓީ އިއާދަކުރުމުގައި ކުރީގެ ރިވެތި ސިފަތައް ބޭނުންފވާ ކަމަށެވެ.
"ފަތިހު ހޭލާ ދިވެހި ޤައުމެއް ބޭނުން. ހެނދުނާއި ދެނަމާދު ދޭތެރޭ ކީރިތި ޤުރުއާން ކިޔެވުމުގައި ކުޑަ ކުދީން ޝައުޤުވެރިކަމާއެކު އުޅޭ ދިވެހި ޤައުމެއް އަޅުގަނޑު ދެކެން ބޭނުން. ފަރުޟު ނަމާދުގެ ޖަމާޢަތްތައް ބައިބޯކޮށް ފެންނަން ބޭނުން. އެކަމުގެ މާތްކަމާއި އެކަމުގައި ހުރި ދަރުމައިގެ ގިނަކަން އަޅުގަނޑުމެން ކުރެ ކޮންމެ ދިވެއްސަކަށް އިޙްސާސްވާން ބޭނުން. ހަމައެހެންމެ މިސްކިތްތަކަށް އިހުގައި ކުރި އިޙްތިރާމު އަލުން ގެންނަން ބޭނުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި މި ސިފަތައް އާލާކުރުމަށް ކޮންމެ މީހަކުވެސް އަމިއްލަ ނަފުސާ ހަމައިން ފެށިގެން ޢާއިލާއަށާއި ގާތް މީހުންފެ ކިބައިގައި މި ސިފަތައް އަށަގެންނެވުމަށް ބާރުއެޅުއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކަސިޔާރު ފިކުރީ ރާޅުތަކުން ޤައުމުގެ އެކި ޖީލުތަކުގެ ހިތްތަކާއި ވިސްނުންތައް ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި މިކަމުގައި ކޮންމެ ބެލެނިވެރިއެއް، ކޮންމެ މުދައްރިސެއް އަދި ކޮންމެ ރައްޔިތަކުމެ އިސްނެންގެވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ދިވެހި ޤައުމުގެ ޤައުމިއްޔަތު ހިމާޔަތްކޮށް އިޔާދަކުރުމަށް ޢަޒުމު ކަނޑައަޅާ އެންމެން އެކަތިގަނޑަކަށްވެ މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވިއެވެ.
ރިއެކްޝަންސް