ޕޯލިއޯ ވެކްސިން ދޭން އުދުވާނު ވަގުތީގޮތުން ހުއްޓާލަން އިޒްރާއިލް އިން އެއްބަސްވެއްޖެ- އދ
ހަމަލާތައް ހުއްޓާލަނީ ހެނދުނު 6-3 އަށް
އިޒްރާއިލް އިން ޣައްޒާގައި ހިންގަމުންގެންދާ ޤަތުލްއާންމު ވަގުތީގޮތުން ހުއްޓާލާ, ޕޯލިއޯއަށް ވެކްސިން ދިނުމަށް މަގުފަހިކޮށްދޭނެ ކަމުގެ ފެހި ސިގްނަލް އިޒްރާއިލްއިން ދީފައިވާކަށް އދ ން ބުނެފިއެވެ. މި އެއްބަސްވުމުގައި ވާގޮތުން ޣައްޒާގެ ވަކިވަކި ސަރަހައްދުތަކުން ވަގުތީގޮތުން ހަމަލާތައް ހުއްޓާލާއިރު 10 އަހަރުން ދަށުގެ 640,000 ކުޑަކުދިންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވެއެވެ.
ޣައްޒާއިން ޕޯލިއޯ ބަލި އަލުން ފެނިފައިވަނީ ދިހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާ ހަނގުރާމައިގައި އިޒްރާއިލްއިން ޣައްޒާ ސުންނާފަތިކޮށްފައިވާ ދަނޑިވަޅެއްގައެވެ. ހަނގުރާމައިގައި ޣައްޒާގެ ފާހާނާގެ ނިޒާމްތައް ހަލާކުވެ, ނަޖިސްފެނާއިއެކު ޣައްޒާގެ ފެން ތަޣައްޔަރުވެފައިވުމުގެ ސަބަބުން ގައިންގަޔަށް އަރާ އެތައް ބައްޔަކަށް މުޅި ޣައްޒާގެ ރައްޔިތުން ވަނީ ހުށަހެޅިފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ އިން ފަލަސްތީނަށް ކަނޑައަޅާފައި ހުންނަވާ ރިކް ޕީޕަކޯން ބުރާސްފަތިދުވަހު ވިދާޅުވީ އާދިއްތަ ދުވަހުން ފެށިގެން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހަމާލާތައް ހުއްޓާލާނެ ކަމަށެވެ. ތިން ދުވަސް ވަންދެން ކޮންމެ ދުވަހަކުވެސް ހެނދުނު 6 ން މެންދުރުފަހު 3 އާ ހަމައަށް ހަމަލާތައް ހުއްޓާލުމަށް ހަމަޖެހިފައިވާ ކަމުގައިވެސް ޕީޕަކޯން ވިދާޅުވިއެވެ.
"އަހަރެން ނުބުނަން މީ އެންމެ އެކަށޭނެ ގޮތޭ މިކަން ކުރަން. އެކަމަކުވެސް މިއީ މިކަން ކުރެވެން އޮތް ގޮތަކީ. އެކަން އެގޮތަށް ކުރިއަށްދާނެ, އަދި ދާންވެސް ޖެހޭނެ. އަހަރެމެންގެ އެބައޮތް އެއްބަސްވުމެއް" ޕީޕަކޯން ވިދާޅުވިއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންނާއި, ސިއްހީ ކަންކަމާގުޅޭ ގްރޫޕްތަކުން ދަނީ ޣައްޒާގެ ހާލަތު މިހާލަތަށް ވެއްޓި ޕޯލިއޯ އަލުން ފެތުރެންފެށުމުގެ އަސްލަކީ ހުއްޓުމެއްނެތި 11 މަހާ ކައިރިވަންދެން އިޒްރާއިލްއިން ދޭ ހަމަލާތައްކަމަށް ބުނަމުންނެވެ. އިޒްރާއިލްގެ ހަމަލާތަކާއެކު ޣައްޒާގެ އާބާދީ އެއްކޮށް ވިއްސިވިހާލި ވެފައިވާއިރު, ޣައްޒާގެ އާންމު ސާފުތާހިރު ކަމުގެ ހާލަތުވަނީ ވަރަށް ބޮޑަށް ގޯސްވެ ތަޣައްޔަރު ވެފައެވެ.
ޣައްޒާގައި ޕޯލިއޯ ޖެހުނު 10 މަހުގެ ކުޑަކުއްޖާ, އަބްދުއްރަޙްމާން އަބޫ އެލް-ޖެދިއަން ޕޯލިއޯ ޖެހުންތާ ހަފުތާއެއް ފަހުން މިހާރުވަނީ އެއްބައި ވާގިނެތިފައެވެ. މިއީ 25 އަހަރު ފަހުން ޣައްޒާއިން ޕޯލިއޯ ފެނުނު ފުރަތަމަ ފަހަރެވެ.
"މި އެއްބަސްވުމަށް އާދެވިފައި މިވަނީ އދ ން ވަރަށްބޮޑަށް ޕްރެޝަރ ކޮށްގެން. އދ ން ނާއި އެމެރިކާގެ ސެކްރެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންވެސް ވަނީ ވެކްސިން ކެމްޕެއިން އަށް ޖާގަދިނުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފަ" ނިއުޔޯކުގައި ހުންނަ އދ އޮފީހުގެ އަލްޖަޒީރާގެ ކަރެސްޕޮންޑެންޓް ކްރިސްޓަން ސަލޫމީ ބުނެފައިވެއެވެ.
ވެކްސިން ކެމްޕެއިން ފަށާނީ މެދުތެރޭ ޣައްޒާއިންނެވެ. އަދި އޭގެފަހުން ދެކުނު ޣައްޒާގައި ތިންދުވަސް އަދި އުތުރު ޣާއްޒާގައި ތިންދުވަސް ވެކްސިން ދިނުމުގައި ހޭދަކުރާނެއެވެ. އަދި މިމުއްދަތުގެ ތެރޭގައި ވެކްސިންދީ ނިންމާނުލެވިއްޖެނަމަ ކޮންމެ ސަރަހައްދެއްގައިވެސް ވެކްސިން ފުރިހަމަކުރަން އިތުރުދުވަހެއް ދިނުމަށް އިޒްރާއިލްއިން އެއްބަސްވެފައިވާކަމަށްވެސް ސަލޫމީ ބުނެފައި ވެއެވެ.
ރޮއިޓާސް ނިއުސް އެޖެންސީއިން ރިޕޯޓްކޯށްފައިވާގޮތުން ހަމާސްއިން ވަނީ މި ނިންމުމަށް މަރުހަބާ ކިޔާފައެވެ. އަދި ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ މި ކެމްޕައިން ކާމިޔާބު މަސައްކަތަކަށް ހެދުމަށް އެ ޖަމާއަތުން އެއްބާރުލުން ދޭނެކަމަށްވެސް ބުނެފައިވާކަށް ރިޕޯޓްކޮށްފައިވެއެވެ.
އިޒްރާއިލްގެ އިދާރާތަކުން ބުދަ ދުވަހު ބުނެފައިވަނީ ވެކްސިން ޕޮރޮގްރާމް ހިންގާނީ އިޒްރާއިލްގެ އަސްކަރިއްޔާގެ އިންސާނީ އެހީތެރިކަމާއެކު ކަމަށެވެ. އެގޮތުން ވެކެސިން ދޭ ސަރަޙައްދުތަކަށް މީހުން ދިއުމުގެ ހުއްދަ އިޒްރާއިލް އަސްކަރިއްޔާއިން ދޭނެއެވެ.
ރިއެކްޝަންސް