ޗެމްޕިއަންސްލީގު: އާ ފޯމެޓްގައި ރެއާލް މެޑްރިޑް ލިވަޕޫލް ދަނޑަށް
ޗެމްޕިއަންސް ލީގުގައި 36 ޓީމް ވާދަކުރޭ
މުޅިން އާ ފޯމެޓަކާއި އެކު 36 ޓީމު ހިމެނޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރުނެގުން ބުރާސްފަތި ދުވަހުގެރޭ މޮނާކޯގައި ބާއްވައިފިއެވެ. ފާއިތުވި ސީޒަންގައި ލީގު ކާމިޔާބުކުރި ރެއާލް މެޑްރިޑް ލިވަޕޫލްގެ ދަނޑުގައި ލިވަޕޫލާ ވާދަކުރަން ޖެހެއެވެ. އަދި ބާސެލޯނާ އިން އަމިއްލަ ދަނޑުގައި ބަޔާން މިއުނިކާ ދެކޮޅަށް ނިކުންނަން ޖެހެއެވެ. ބަޔާންއަކީ ބާސެލޯނާގެ މިހާރުގެ ކޯޗް ހެންސީ ފްލިކް ކުރިން ކޯޗުކޮށްދިން ކްލަބެވެ.
މިއީ މިމުބާރާތުގެ އެންމެ ފަހު ހަތަރު ސިޒަންގައި ބަޔާން އާއި ބާސާގެ ކުރިމަތިލުން ފެންނަ ތިންވަނަ ފަހަރެވެ. މިދެ ކްލަބްގެ އެންމެ ފަހު ކުރިމަތިލުން ކާމިޔާބު ކުރީ ބަޔާން މިއުނިކް އެވެ. އޭގެ ތެރޭގައި ފްލިކްގެ މޭސްތިރިކަމުގެ ދަށުން 2020 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ތަށި އެކްލަބް އުފުލާލި އިރު, ކްއާޓާ ފައިނަލްގައި 8-2 ން ބާސެލޯނާ ބަލިކުރި މެޗުވެސް ހިމެނެއެވެ.
ޔުއެފާގެ ސުޕަ ކޮމްފިއުޓަރުގެ އެހީއާއެކު ގުރުނެގުން ކުރިއަށް ގެންގޮސްފައިވަނީ ދުނިޔޭގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަޤާމް ފަސް ފަހަރު ހޯދާފައިވާ އިޓަލީގެ ލެޖެންޑް ޖިއައުންލުޖީ ބުފޮން އާއި ޗެމްޕިއަންސް ލީގުގެ ތާރީޚްގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ޝަރަފް ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
މިސީޒަން ގައި ޗެމްޕިއަންސް ލީގުގައި ފެނިގެންދާނެ އިތުރު ވާދަވެރި ކުރިމަތިލުންތަކުގެ ތެރޭގައި މެންޗެސްޓަރ ސިޓީއާއި ޕީއެސްޖީ ވާދަކުރާ މެޗާއި, ބޮރުޝިއާ ޑޯޓްމުންޑް އިން ރެއާލް ވާވާދަކުރާ މެޗުވެސް ހިމެނެއެވެ.
ޕޮޓް 1 ގެ ގުރުގައި އާސެނަލް ވަނީ އުނދަގޫ ޓީމުތައް ކައިރިން ސަލާމަތްވެފައެވެ. އެސްޓަން ވިލާއިން 1982 ގައި ބުންޑަސްލީގާގެ ވަރުގަދަ ކްލަބް ބޮރޫޝިއާ ޑޯޓްމުންޑް ބަލިކުރިފަހުން ފުރަތަމަ ފަހަރަށް އެ ކްލަބާ ވާދަކުރާނެއެވެ.
ބަޔާންގެ ކުރީގެ މިޑްފީލްޑަރ ކުރީގެ ޒަބީ އޮލޮންސޯ ބަޔާން ލެވަކޫސަން އާއެކު ބަޔާން މިއުނިކާ ދެކޮޅަށްވެސް ނިކުންނަން ޖެހެއެވެ. މިއީ ޖަރުމަނު ލީގުގެ މިހާރު އެންމެ ވާދަވެރި ދެޓީމެވެ.
އާ ސިސްޓަމްގައި ކޮންމެ ޓީމެއްވެސް ނޮކްއައުޓްގެ ކުރިން އަށް މެޗު ކުޅޭނެއެވެ. މިއީ ކުރީގެ ސިސްޓަމާ އަޅާބަލާއިރު ދެ މެޗުގެ އިތުރުވުމެކެވެ. ކޮންމެ ޓީމެއްވެސް ތަފާތު އަށް ވާދަވެރިން ތަޖުރިބާކުރާނެއެވެ. އެއީ ހޯމް ހަތަރު މެޗާއި އަވޭ ހަތަރު މެޗެވެ.
އާ ފޯމެޓްގައި ނޮކްއައުޓް ބުރުގެ ކުރިން އެއް ލީގެއްގެ ގެ ދެޓީމު އެއްޓީމު އަނެއް ޓީމާ ވާދައެއް ނުކުރާނެއެވެ. ގަދަ ސޯޅަ ނުވަތަ ރައުންޑް އޮފް 16 ގެ ސީދާ ޖާގަ ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ 8 ޓީމަށެވެ. ނުވަވަނަ އާއި 24 ވަނަ އާދެމެދުގެ ކްލަބްތައް އަނެއްކާވެސް ނޮކްއައުޓް ޕްލޭއޮފް ބުރެއްގައި ވާދަކުރާގޮތަށް ހަމަޖެހިފައިވާ މި އާ ސިސްޓަމްގައި, ފަހަތުގައި އޮންނަ 12 ޓީމު މުބާރާތުން ވަކިވާނެއެވެ.
މުބާރާތުގެ މެޗުތައް ކުޅެން ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތައް ހިމެނޭހެން އާދިއްތަ ދުވަހު މުބާރާތުގެ ތާވަލް އާންމު ކުރާނެއެވެ.
ރިއެކްޝަންސް