ރަހީނުކުރުމުގެ ނުރައްކާތެރި ހާދިސާއެއް, ދެމީހުންނަށް ފަރުވާދެނީ
ފުލުހުން އެމީހާ ހައްޔަރުކުރީ ބާރުގެ ބޭނުންކޮށްގެން
މިރޭ މާލޭގައި އަންހެނަކު ރަހީނުކޮށް, އަނިޔާކުރި މައްސަލައިގައި ހައްޔަރު ކުރި މީހާއާއި ރަހީނުވި މީހާއަށްވެސް ފަރުވާދޭން ފަށައިފިއެވެ
ހައްޔަރުކުރި މީހާއަށް ދަރުވާދެނީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އެއީ ފުލުހުން ބާރުގެ ބޭނުންކޮށްގެން އޭނާ ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާތަކަށެވެ. އޭނާއަށް ލިބިފައިވާ އަނިޔާތައް ދެނެގަތުމަށް ޓެސްޓްތައް ހަދަން ހަމަޖެހިފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ. ރަހީނުވުކުރި އަންހެން މީހާއަށް ފަރުވާދެނީ, ރަހީނުކޮށް އަނިޔާކުރުމުންނެވެ. އަންހެން މީހާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
މާފަންނު ގެއެއްގައި މިހާދިސާ ހިނގީ ފިރިހެނަކު ގޭތެރޭގައި އަންހެންމީހާ ބަންދުކޮށް ރަހީނު ކޮށްގެންނެވެ. އެއަންހެން މީހާއަށް ގޭތެރޭގައާއި ގެއިން ބޭރަށް ނެރެވެސް އަނިޔާކުރި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އަންހެން މީހާ ސަލާމަތްކުރަން އުޅެފިނަމަ އަންހެން މީހާ މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށާއި, އެއިންޒާރު ދިނީ އަންހެން މީހާ ކަރުގައި ވަޅި ޖައްސައިގެންކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް ކަރުގައި ވަޅި އެޅިކަމުގެ ނިޝާނެއް ނެތްކަމަށް ފަހުން ފުލުހުން ބުންޏެވެ.
ކުށުގެވެށިން އޭނާ ހައްޔަރުކުރީ އަންހެން މީހާ ކަރުގައި ވަޅި ޖައްސައިގެން މަގުމައްޗަށް ނިކުމެ, ސައިކަލަށް އަރާ ނައްޓާލި ފަހުންނެވެ. އޭނާ ސައިކަލްގައި ނައްޓާލީ އަންހެން މީހާވެސް ސައިކަލަށް ލައިގެންނެވެ. ފުލުހުން ބުނީ އަންހެން މީހާގެ ފުރާނަ ސަލާމަތް ކުރުމަށް ފުލުހުން ބާރުގެ ބޭނުން ކުރިކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި ކުށުގެ ވެށިން ހައްޔަރުކުރީ 2022 ވަނަ އަހަރުގެ ފަހުކކޮޅު ޖަލުން ދޫކޮށްލި މީހެކެވެ.
ރިއެކްޝަންސް