އިޒްރޭލާ ދެކޮޅަށް އަޑުއުފުލި ދެ އަންހެނުން ހައްޔަރުކުރީ ވަކި ސަފީރަކަށް އުނދަގޫ ކުރާތީ – ފުލުހުން
ބަންދަށް 3 ދުވަސް ވަނީ ޖަހާފަ
އިޒްރޭލާ ދެކޮޅަށް އަޑުއުފުލި ދެ އަންހެނުން ހައްޔަރުކުރީ ވަކި ސަފީރަކަށް އުނދަގޫ ކުރާތީ ކަމަށް ފުލުހުން ބުނެފިއެވެ.
އެމައްސަލައާއި ގުޅިގެން އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދާއި, ކުރީގެ މިނިސްޓަރ އަހުމަދު ޒާހިރުގެ މެދުގައި އެކްސްގައި ބަހުގެ ހަމަލާތައް ބަދަލުކުރެއްވާފައި ވަނިކޮށެވެ. އަދި ޑރ.މުޙައްމަދު އިޔާޒުވެސް އެވާހަކައިގަ ބައިވެރިވެ މިނިސްޓަރ ޝަހީމަށް ފާޑުވިދާޅުވެފައި ވަނިކޮށެވެ. އަދާލަތު ޕާޓީންވެސް ވަނީ އެމައްސަލަ ކުއްވެރިކޮށް ބަޔާނެއް ނެރިފައެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله މިއަދު އެކަން ކުށްވެރި ކުރެއްވިއެވެ.
އެމައްސަލައިގައި ހައްޔަރުކުރީ ޑރ.އިޔާޒުގެ އަނބިކަނބަލުން އާއިޝަތު ޝާދިޔާއާއި ޑރ. ޝަޛުރާ އިބްރާހީމް އެވެ. ދެމީހުން ހައްޔަރުކޮށް ކޯޓުން ވަނީ ބަންދުގެ މުއްދަތަށް 3 ދުވަސް ޖަހާފައެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެމީހުން އަޑުއުފުލީ އެއްވެ އުޅުމުގެ ޤާނޫނާ ހިލާފަށް ކަމަށެވެ. އެގޮތުން ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ, އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅާލައްވަމުން ދިޔަކަމަށެވެ. އަދި ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް, ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރަމުން ދިޔަކަމަށްވެސް ބުނެފައިވެއެވެ. އެމީހުން ހައްޔަރުކުރީ ސުލުހަވެރިކަމާއެކު އެސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އެންގި އެންގުމަށްވެސް ތަބާނުވުމުން ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމަށްވެސް ފުލުހުން ވަނީ ތުހުމަތު ކޮށްފައެވެ. އެމީހުން ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.
ފުލުހުން ވަނީ އެއްވެ އުޅުމުގެ ޤާނޫނުގެ ދަށުން ސުލުހަވެރިކަމާއެކު އެއްވެއުޅުމުގެ ހައްގުގެ ބޭނުން ހިފުމަށް އިލްތިމާސްކޮށްފައެވެ.
ރިއެކްޝަންސް