ތިލަމާލެ ބްރިޖު އަންނަ އަހަރުގެ ނޮވެމްބަރު 11 ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: މިނިސްޓަރ މުއްތަލިބު

ތިލަމާލެ ބްރިޖު އަންނަ އަހަރުގެ ނޮވެމްބަރު 11 ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: މިނިސްޓަރ މުއްތަލިބު

14 hours ago - 17:52
Advertisement
Advertisement

މިހާރު މަސައްކަތް ކުރިއަށްދާ ހަލުވި ދުވެއްޔަށް ބަލާއިރު، އަންނަ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ތިލަމާލެ ބްރިޖު މަޝްރޫއުގެ އެންމެހައި މަސައްކަތްތައް މުޅިން ނިންމައި އާންމު ދަތުރުފަތުރަށް ހުޅުވާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އުންމީދު އެބައޮތް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. މުއްތަލިބު ފާހަގަކުރެއްވި ގޮތުގައި، މާލޭ ވިޔަފާރި ބަނދަރު (ކޮމާޝަލް ޕޯޓް) ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އިގްތިސާދީ މުހިންމު މަޝްރޫއު ކާމިޔާބުކަމާއެކު ހިންގުމަށްޓަކައި، އެ ބަދަލާ އެއް ހަމައެއްގައި ބްރިޖުގެ ހިދުމަތް ލިބެން ފެށުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެންކަމުން، މާލޭ ޕޯޓް ތިލަފުއްޓަށް ބަދަލުވުމުގެ ކުރިން ބްރިޖުގެ މަސައްކަތްތައް ނިންމުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ވަޒީރު ވިދާޅުވީ، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މި މަޝްރޫއު ނިންމުމަށްޓަކައި، އިންޑިއާ ސަރުކާރާއި މަސައްކަތުގެ ކޮންޓްރެކްޓަރު އެފްކޮންސްއާ ގުޅިގެން ވަރަށް ގާތުން މަސައްކަތްތައް ވިލަރެސްކުރެވެމުންދާ ކަމަށެވެ. އެގޮތުން، ކޮންޓްރެކްޓަރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަންނަ އަހަރުގެ ނިޔަލަށް ރަސްމީ މުއްދަތު ދީފައިވީ ނަމަވެސް، ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހާ ގުޅުވައިގެން، އަންނަ އަހަރުގެ ނޮވެމްބަރު 11 ގެ ކުރިން ބްރިޖު އެއްކޮށް ނިންމައި ރައްޔިތުންނަށް ހިދުމަތް ދޭން ފެށުން ކަމަށް ވިދާޅުވިއެވެ.
މަޝްރޫއުގެ މައިދާނީ އަމަލީ މަސައްކަތްތައް މިހާރު ހިނގަމުންދާ އަވަސް މިނަށް އަލިއަޅުއްވާލައްވަމުން ވަޒީރު ޑރ. މުއްތަލިބު ވިދާޅުވީ، ސަރުކާރުން ކަނޑައަޅާފައިވާ މި ތާރީހަށް މަސައްކަތް މުޅިން ފުރިހަމަކޮށް، ރައްޔިތުންނަށް ދަތުރުފަތުރުގެ ބޮޑު ލުއިފަސޭހަކަމެއް ހޯދައިދެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement