ހުޅުމާލޭގައި ތަރައްގީކުރި "އެކުވެހި" ދަނާލުން ދަރިވަރުންނަށް ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފި
މާލެ ސަރަހައްދަށް މަތީ ތައުލީމު ހާސިލުކުރުމަށް އަންނަ އަތޮޅުތަކުގެ ދަރިވަރުންނަށް ކުރިމަތިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ "އެކުވެހި" އެކޮމޮޑޭޝަން އިމާރާތުން ކޮޓަރި ކުއްޔަށް ދޫކުރުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރަސްމީކޮށް ހުޅުވާލައިފިއެވެ.
މަތީ ތައުލީމަށް މާލެ އަންނަ ދަރިވަރުންނަށް އެކަށީގެންވާ އަގުހެޔޮ ރަނގަޅު ތަންތަން ނުލިބުމާއި، ދިރިއުޅުމުގެ ދަށް ފެންވަރުގެ ސަބަބުން ކިޔެވުމަށް ކުރިމަތިވާ ހުރަސްތަކަށް ހައްލެއް ގެނައުމަށް ބިނާކުރި މި ޒަމާނީ ދަނާލުން ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ދަރިވަރަކަށް މަހަކު އެންމެ 3،500 ރުފިޔާގެ ކުއްޔަކަށެވެ. ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓްތައް ކައިރީގައި ހުންނަ މި އިމާރާތުގައި ކޮޓަރިތައް ފަރުމާކޮށްފައިވަނީ ދެ ދަރިވަރުންނަށް ހިއްސާކޮށްގެން (ޝެއާ ކޮށްގެން) އުޅެވޭ ގޮތަށެވެ. އެގޮތުން ކޮންމެ ކޮޓަރިއެއްގައި ވެސް ވަކި ދެ އެނދާއި، ކިޔަވަން ހާއްސަ މޭޒުގެ އިތުރުން ވަކި ފާހާނާއެއް ހިމެނެއެވެ.
މީގެއިތުރުން، ދަރިވަރުންނަށް ފަސޭހަކަމާއެކު ދިރިއުޅެވޭނެ މާހައުލެއް ގާއިމުކުރުމުގެ ގޮތުން ގިނަ ހިދުމަތްތަކެއް އެ އިމާރާތުގައި ވަނީ ގާއިމުކޮށްފައެވެ. އޭގެ ތެރޭގައި:
ކެއްކުމަށް ބޭނުންވާ ސާމާނާއެކު އަމިއްލައަށް ކައްކައި ކެވޭނެ ބަދިގެ.
އަންނައުނު ދޮވެ ހިއްކުމަށް ހާއްސަ ލޯންޑްރީ އޭރިއާ.
ގްރޫޕް ސްޓަޑީ ހެދުމަށާއި ކިޔެވުމަށް ހާއްސަ މީޓިން ރޫމްތަކާއި ކޯ-ވޯކިން ސްޕޭސް.
ހިތްފަސޭހަކޮށްލުމަށް ކޮމަން ކޯޓްޔާޑާއި ޓެރަސް، ގޭމް ކުޅޭ ލައުންޖް އަދި އައުޓްޑޯ ޖިމެއް.
ނަމާދުކުރާ ކޮޓަރިއަކާއި ދަރިވަރުންނަށް ފަސޭހައިން ވެހިކަލް ޕާކުކުރެވޭނެ ސަރަހައްދެއް.
މި ވަސީލަތްތަކާއެކު "އެކުވެހި" ދަނާލަކީ މާލެ ސަރަހައްދުގައި ކިޔަވަމުންދާ ދަރިވަރުންނަށް ރައްކާތެރި، އަދި ހަރަދު ކުޑަ މާހައުލެއްގައި ތައުލީމު ހާސިލުކުރުމަށް މަގުފަހިވެގެންދާނެ މުހިންމު މަޝްރޫއެކެވެ.
ރިއެކްޝަންސް





