ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ދަތުރުފަތުރުގެ ނިޒާމު ލުއިފަސޭހަކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އަހުވަންތަ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފަސޭހަކުރުމާ ގުޅޭގޮތުން މަތީ ފެންވަރުގެ މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން، ޕާކިސްތާނުގެ ފެޑެރަލް މިނިސްޓަރ ފޯ އިންޓީރިއަރ، މުޙުސިން ނަޤްވީގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ޕާކިސްތާނުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ މަގުތައް ފަހިކޮށްދިނުމަށާއި، ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް ފެށުމާއި ފުޅާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކުރެއްވިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމުގެ އިތުރުން، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އިޖުތިމާއީ އަދި ސަގާފީ ގުޅުންތައް އައު ހަރުފަތަކަށް ގެންދިއުމަށް އެޅިދާނެ އަމަލީ ފިޔަވަޅުތަކާ ގުޅޭގޮތުން ދެ ވަޒީރުން ވަނީ އަލިއަޅުއްވާލައްވާފައެވެ.
މީގެއިތުރުން، އިސްލާމީ އުހުއްވަތްތެރިކަމުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ތާރީހީ ގާތް ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވައި، ކުރިމަގުގައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް ދެ ބޭފުޅުން ވަނީ އާކުރައްވާފައެވެ.
ރިއެކްޝަންސް





