
ފެން ހިންދަން މާލެ ސިޓީ ކައުންސިލުން ގެނައި ދެ ޕަމްޕްގެ ބޭނުން ކުރަން ފަށައިފި
ސިޓީ ކައުންސިލްގެ ނިންމުމަކީ ދެ ޕަމްޕް ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބެހެެއްޓުން
މާލެ ސިޓީގައި ފެން ބޮޑުވާ މައްސަލައަށް ހައްލެއް ހޯދަން މާލެ ސިޓީ ކައުންސިލުން ގެނައި ދެ ޕަމްޕްގެ ބޭނުން ކުރަން ފަށައިފި އެވެ. ރޭގެ ވިއްސާރައިގެ މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން, ފެން ހިންދުމަށް އެދެޕަމްޕް ވަނީ ބޭނުންކޮށްފައެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އެއީ ޒަމާނީ ފެންވަރުގެ ދެ ޕަމްޕް ކަމަށެވެ. އެއީ ތިން އިންޗި ފުޅާ މިނުގެ ސޮލިޑް, ފަސޭހަ ކަމާއެކު ދަމާލެވޭ ޕަމްޕެއް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އެ ޕަމްފުން މިނެޓަކު 11356.24 ލީޓަރު ފެންބޭރު ކޮށްލެވޭ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ. މީގެ ކުރިން ފެންހިންދުމަށް މާލެ ސިޓީގައި ބޭނުން ކުރަމުން އައީ މިނެޓަކު 900 އަދި 1300 ލީޓަރުގެ ފެންހިންދާ ޕަމްޕުތަކެކެވެ. އަލަށް މި ގެނައި 2 ޕަންޕުގެ ސަބަބުން އަވަހަށް ފެން ހިންދުމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަން ސިޓީ ކައުންސިލުން ފާހަގަކުރެއްވިއެވެ.
އެ ދެޕަމްޕް ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބަހައްޓަންވެސް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. ސިޓީ ކައުންސިލުން ބުނީ މާލޭގައި ފެންހިންދުމަށް އާންމުކޮށް ބޭނުންކުރާ ޕަމްޕަށްވުރެ އެތަށް ގުނައެއް ބާރު ސްޕީޑުގައި ފެން ބޭރު ކުރެވޭނެ ފަދަ ދެ ޕަމްޕް ރާއްޖެ ގެނައުމުގެ މަސައްކަތް ފެށީ 2024 ވަނަ އަހަރުގެ ސެމްޓެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. މިހާރު އެ ދެ ޕަމްޕު ވަނީ މާލެ ގެނެވިފައިވާކަން ފާހަގަކުރައްވާ ޑިފެންސް މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމެއްގައި ވެސް ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ފޯރުކޮށްދެވޭ ކޮންމެ ޚިދުމަތެއް ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް އަކީ އަބަދު، މާލެ ސިޓީ ކައުންސިލާއެކު އެންމެ ގާތުން މަސައްކަތް ކުރާ މުވައްސަސާ ކަމަށެވެ.
ރިއެކްޝަންސް






