އަސާސީ މުދާ ފޯރުކޮށްދިނުމުގައި އެޖެންޓުން އަދާކުރަނީ މުހިންމު ދައުރެއް: އެސްޓީއޯ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި ޒަރޫރީ އެހެނިހެން މުދާ ހުއްޓުމެއްނެތި ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކުރަމުންދާ މަސައްކަތުގައި އެ ކުންފުނީގެ އެޖެންޓުން އަދާކުރަނީ ވަރަށް މުހިންމު ދައުރެއް ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އަހަރުތަކެއް ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝިމާދު ވިދާޅުވީ، އެސްޓީއޯގެ މައިގަނޑު އަމާޒަކީ މާލެއެކޭ އެއްގޮތަށް އެއްވެސް ތަފާތުކުރުމެއް ނެތި، އެއް އަގެއްގައި އަތޮޅުތެރޭގެ ހުރިހާ ރަށަކުންވެސް މުދާ ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. އަދި މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި އެޖެންޓުންގެ ވިއުގަ ބޭނުންކުރުމަކީ އެސްޓީއޯއަށް ވަރަށް ފަރިތަ އަދި ކާމިޔާބު ނިޒާމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މިގޮތުން ކާޑުގެ ބާވަތްތަކާއި، ކެއްކުމަށް ބޭނުންކުރާ ގޭހާއި، އަދި ތެޔޮ ފަދަ ޒަރޫރީ ތަކެތި ރަށްރަށަށް ފޯރުކޮށްދިނުމުގައި މިހާރުވެސް އެޖެންޓުން މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެވެމުންދާކަން ޝިމާދު ހާމަކުރެއްވިއެވެ.
މީގެ އިތުރުން، އެޖެންޓުންނަށް ދެމެހެއްޓެނިވި ގޮތެއްގައި މި ވިޔަފާރި ކުރިއަށް ގެންދެވޭނެ މާހައުލެއް ފަހިކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޝިމާދު ވިދާޅުވީ، އެޖެންޓުންނަށް ހާއްސަ ލުއިތަކަކާއި އެހީތެރިކަން އެސްޓީއޯއިން ފޯރުކޮށްދެމުންދާ ކަމަށެވެ. އެގޮތުން މުދަލުގެ އަގު ވަކި މިންވަރަކަށްވުރެ ހެޔޮކޮށް ނުދެވޭނަމަ، ދަތުރުފަތުރުގެ ނާލާއި އޯވަރހެޑް ޚަރަދުތައް ހަމަޖައްސައިގެން، ތާޒާކަމާއެކު ފައިދާވާނެ ގޮތަކަށް މުދާ ވިއްކުމަކީ އެޖެންޓުންނަށް ދަތިވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
"ކުދިކުދި ކާގޯތައް ރަށްތަކަށް ގެންދިއުމަކީ ވަރަށް ހަރަދު ބޮޑު ކަމެއް. އެހެންވީމަ ނާލު ފޯރުކޮށްދިނުމާއި، އަދި އެޖެންޓުންގެ ވިޔަފާރިއަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުމަކީ އެއީ އަޅުގަނޑުމެން ކުރާކަމެއް،" ޝިމާދު ވިދާޅުވިއެވެ.
ޝިމާދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެސްޓީއޯއާއި ރައްޔިތުންނާ ދެމެދު އޮންނަ މައިގަނޑު މެދުވެރިއަކީ މި އެޖެންޓުންނެވެ. އަދި މި ނިޒާމުގެ މައިގަނޑު އަނެއް ބޭނުމަކީ އަތޮޅުތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، އިގުތިސާދީ ގޮތުން އެފަރާތްތައް ބާރުވެރިކުރުވުން ކަމަށްވެސް ވިދާޅުވިއެވެ.
އެސްޓީއޯގެ އެޖެންޓުންގެ ގޮތުގައި ހަމަޖައްސަނީ، ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޤާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ރަސްމީ ކުންފުނިތަކާއި ވިޔަފާރިތައް އެކަނި ކަމަށްވެސް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.
ރިއެކްޝަންސް





