ސިޓީގެ ޖަރޒީގައި ހާލަންޑުގެ 100 ވަނަ މެޗު, ޗެލްސީ ކޮޅަށް ލަނޑު ޖަހާ ޓީމް މޮޅުކޮށްދީފި
މެޗުގައި ހާލަންޑް ޖެހި ގޯލަކީ ސިޓިއަށް ޖަހައިދިން 91 ވަނަ ގޯލް
އާސީޒަންގެ އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީ ބަލިކޮށް, ޗެމްޕިއަން މެންޗެސްޓަރ ސިޓީ މޮޅަކުން ފަށައިފިއެވެ. ޗެލްސީގެ ދަނޑުގައި ޗެލްސީގެ މައްޗަށް ސިޓީން ކުރި ހޯދީ 2-0 ނެވެ.
މެޗުގެ 18 ވަނަ މިނިޓްގައި ސިޓީއަށް ކުރި ހޯދައިދިނީ ހާލަންޑެވެ. މިއީ އޭނާ ސިޓީއަށް ކުޅެދިން 100 ވަނަ މެޗެވެ. ހާލަންޑް ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ ބެނާޑޯ ސިލްވާ އެވެ. ޗެލްސީގެ ޑިފެންޑަރ މާކް ކުކުރޭލާ ކައިރިން ނައްޓާލުމަށްފަހު ހާލަންޑް ލަނޑު ޖެހީ ކީޕަރަށްވެސް ފުރުޞަތެއް ނުދީއެވެ. މިއީ 2022 ވަނަ އަހަރު ބޮރޫޝިއާ ޑޯޓްމަންޑުން ސިޓީއަށް ބަދަލުވިފަހުން އެ ކްލަބަށް ހާލަންޑް ކާމިޔާބުކޮށްދިން 91 ވަނަ ގޯލެވެ.
މެޗުގެ 84 ވަނަ މިނިޓްގައި ސިޓީގެ ދެވަނަ ގޯލް ޖެހީ ކްރޮއޭޝިޔާގެ މިޑްފީލްޑަރ މަޓެއޯ ކޮވަސިޗެވެ. ކޮވަސިޗް ސިޓީއަށް ބަދަލުވީ ޗެލްސީންނެވެ.
ދެ ކްލަބްގެ ފަރާތުންވެސް މާ އެދޭ ކުޅުމެއް ނުފެނުނު މި މެޗުގައި ހާލަންޑްގެ ގޯލަށްފަހު މިޑްފީލްޑަރ ކެވިން ޑީބްރޭނާ އަށް ރަނގަޅު ފުރުޞަތެއް ލިބުނެވެ. އެކަމަކު އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވިއެވެ. އޭގެ ކުރިން ޖެރެމީ ޑޮކޫ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ ފަސޭހަ ކަމާއެކު ކީޕަރު ސަންޗޭޒް ދިފާއުކުރިއެވެ.
ޗެލްސީގެ އާ ކޯޗު އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ޙަމަލާތައް އުފެއްދޭތޯ ކޯލް ޕާމާ, ނިކޮލަސް ޖެކްސަން އަދި އަލަށް ގުޅުނު ޕެޑްރޯ ނެޓޯ ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. ސެނެގޯލްގެ ފޯވާޑް ޖެކްސަން ގޯލެއް ޖެހި ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. މުޅި މެޗްގައިވެސް ޗެލްސީގެ ފަރާތުން ފެނުނީ މާބޮޑު ރޭވުންތެރިކަމެއްނެތް ކުޅުމެކެވެ.
ރިއެކްޝަންސް