ލުބުނާނަށް އިޒްރާއިލްގެ ނުރައްކާބޮޑުވެ, ދިރިތިބުމާމެދު ރެފިއުޖީންގެ ކަންބޮޑުވުން
އިޒްރާއިލްއިން ލުބުނާނަށްދޭ ހަމަލާތަކުގެ ސަބަބުން ލުބުނާނަށް ހިޖުރަކޮށްފައިވާ ރެފިއުޖީންނަށް އަނެއްކާވެސް ހަނގުރާމައެއްގެ ބިރުވެރިކަން ބޮޑުވެއްޖެ އެވެ. ލުބުނާނުގައި ތިބީ އަމިއްލަ ގަޢުމުގެ ދާހިލީ ހަނގުރާމައިން ސަލާމަތްވުމަށް ސީރިއާ އާއި ސޫދާނުން ހިޖުރަކުރި ރެފިއުޖީންނެވެ.
ސީރިއާގެ އަލެއްޕޯގައި އަލާ ދިރިއުޅެމުން ދިޔަ އެޕާޓްމަންޓް އިމާރާތަށް 2014 ވަނަ އަހަރު ސީރިއާގެ ސަރުކާރުން މިސައިލް ހަމަލާއެއް އަމާޒުކުރިއެވެ. އެހަމަލާގައި ސަލާމަތްވި 13 އަހަރުގެ އަލާ އާއި އޭނާގެ މަންމަ އާއި ބައްޕަ އަދި ދެ އަންހެންކޮށް ހަމަލާއަށްފަހު ސީރިއާ ދޫކޮށް ލުބުނާނާށް ބަދަލުވިއެވެ.
މިއަދު 23 އަހަރުގެ އަލާއަކީ ލުބުނާނުގެ ބޯކޮށާ ތަނެއްގައި ވަޒީފާ އަދާކުރާ މީހެކެވެ. ދިހަ އަހަރު ފަހުން މިއަދު އަނެއްކާވެސް އަލާގެ ބިރަކީ ލުބުނާނުގެ ހިޒްބުالله އާއި އިޒްރާއިލާ ދެމެދު އޮތް ނުތަނަވަސްކަން ބޮޑުވެ, ލުބުނާނަށް އެޅިފައިވާ ހަނގުރާމައިގެ ބޯވިލާގަނޑެވެ.
"ހަނގުރާމަ އޭގެ ސިފައިގަ ފެށިއްޖެޔާ އަހަރެމެން އެންމެނަށް އޭގެ އަސަރުކުރާނެ. މިތާގައި ދިރިއުޅޭ ލުބްނާންގެ ރައްޔިތުން އަދި ސީރިއާގެ މިހުންނަށްވެސް" ކާރޫބާރޫ ބޮޑު އުތުރު ބެއިރޫތުގެ ޙަމްރާގައި އޭނާ މަސައްކަތްކުރަމުންދާ ބޯކޮށާތަނުގެ ބޭރުގައި ހުރެ އަލްޖަޒީރާ އާ ވާހަކަދައްކަމުން އަލާ ބުންޏެވެ. 'ހަނގުރާމަ ފެށުނީމަ ފެށުނީ. އަހަރެމެން މިހާރުވެސް މިދިރި އުޅެނީ ދުވަހުން ދުވަހަށް" އަލާ އިތުރަށް ބުންޏެވެ.
އަލާއަކީ ސީރިއާގެ އަހުލީ ހަނގުރާމައިން ހިމާޔަތް ހޯދައިގެން ލުބުނާނުގައި ދިރިއުޅުމެންދާ އެތައް މިލިއަން ރެފިއުޖީންގެ ތެރެއިން އެކަކެވެ. ހަނގުރާމައިގައި ސުންނާފަތިވެފައިވާ ސީރިއާ އިން ލުބުނާނަށް ހިޖުރަކުރުމަށްފަހު އޭގެ ތެރެއިން ގިނަ މީހުން އުޅެނީ އުފަލުން ނަމަވެސް ވަރަށް އާދައިގެ ދިރިއުޅުމުކެވެ.
ލުބުނާނުގައި ދިރިއުޅޭ ސީރިއާ އަދި ސޫދާންގެ ބައެއް ރައްޔިތުން އަލްޖަޒީރާއަށް މަޢުލޫމާތު ދިން ގޮތުގައި ހިޒްބުالله އާއި އިޒްރާއިލާ ދެމެދު ހިނގާ ހަމަނުޖެހުންތަކާއެކު ލުބުނާން ވަރަށް އަވަހަށް ހަނގުރާމައިގެ މައިދާނަކަށް ވެދާނެ ކަމަށް އެމީހުންނަށް ޤަބޫލުކުރެވެއެވެ.
ބަދަލުވަމުންދާ ބިރުވެރި ހާލަތާއެކު މުސްތަޤުބަލާމެދު އެމީހުންގެ އުންމީދު ވަނީ ގެއްލިފައެވެ. ޙާއްސަކޮށް ހަނގުރާމައިގެ ހާލަތުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅޭ މީހުންގެ ހާލަތު ލުބުނާނުގެ ރައްޔިތުންނަށްވުރެ, ރައްކާތެރިކަން ހޯދުމާއި ދިރިތިބުމުގެ ފުރުޞަތަށް ބަލާއިރު ކުޑަވާނެއެވެ.
"ކޮންމެ ގޮތެއްވިއަސް އަހަރެން އެނބުރި ސީރިއާއަކަށް ނުދާނަން. އެތާނގައި މިހާރުވެސް ހަމަޖެހުމެއްނެތް. ހަނގުރާމަ ހޫނުވާން ފަށައިފިނަމަ އަހަރެންދާނީ ފަރުބަދަތައް ހުންނަ ސަރަހައްދަށް. އެތަނުގައި އަހަރެންގެ މައިންބަފައިން ދިރިއުޅެނީ" އަލާ ބުންޏެވެ.
އެއްވެސް ބަޔަކަށް ބަރޯސާ ވެވޭކަށް ނެތް
ހިޒްބުالله އާއި އިޒްރާއިލާ ދެމެދު މައްސަލަ ގޯސްވެފައި މިވަނީ ޖުލައި މަހު އިޒްރާއިލް އިން ހަމަލާ ދީ ހިޒްބުالله ސީނިއަރ ކޮމާންޑާރު ފުއާދު ޝަކްރު ބެއިރޫތުގެ ކާރޫބާރުބޮޑު ހިސާބެއްކަމަށްވާ ދަހިޔާގައި މަރާލާފައިވަނިކޮށް, އޭގެ ގަޑިއިރުތަކެއްފަހުން އީރާންގެ ވެރިރަށް ތެޙްރާންގައި ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ޙަނިއްޔާ އަވަރަހާކޮށްލުމާއެކުއެވެ. މިއާއެކު މެދުއިރުމަތީގެ މަޝްރަޙު ވަނީ އިންތިހާއަށް ގޯސްވެފައެވެ.
މިއިން އެއްވެސް މަރެއްގެ ޒިންމާ އިޒްރާއިލް އިން ނަގާފައެއް ނުވެއެވެ. ނަމަވެސް އިރާނުން އަދި ހިޒްބުالله ވެސް ބުނަނީ މިއީ އިޒްރާއިލް އިން ދިން ހަމަލާތަކެއް ކަމަށެވެ.
ވިދިވިދިގެނެ ހިނގި ދެ މަރާއެކު ލުބުނާނުގެ މައްޗަށް ވަނީ ހަނގުރާމައިގެ ވިލާގަނޑުފެތުރިފައެވެ. ލުބުނާނުގެ ރައްޔިތުންނާއި, ލުބުނާނުގައި ދިރިއުޅޭ ސީރިއާ އަދި ސޫދާންގެ ރައްޔިތުންނަށް ވަނީ ހަނގުރާމައިގެ އަސަރު ފޯރަން ފަށާފައެވެ. އެ ހަމަލާތަކަށް ފަހު އިޒްރާއިލްއިން ދަނީ ކޮންމެދުވަހަކުވެސް ދެކުނު ލުބުނާނުގެ ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާ ދެމުންނެވެ. ބައެއް ހަމަލާތަކުގައި އާންމުންވެސް ދަނީ މަރުވަމުންނެވެ.
އެންމެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ދެކުނުލުބުނާނުގެ ނަބަތިޔާ ކިޔާ ސަރަޙައްދަށް އިޒްރާއިލް އިން ދިން މިސައިލް ހަމަލާއެއްގައި ސޫދާނުގެ ރައްޔިތަކާއި ސީރިއާގެ ދިހަ މީހުން މަރާލިއެވެ.
2017 އިން ފެށިގެން ސޫދާނުން ލުބުނާނަށް ހިޖުރަކޮށް, މިހާރު ބެއިރޫތުގައި ސާފުކުރާ މީހެއްގެ ވަޒީފާ އަދާކުރާ ބަޚްރީ ޔޫސުފް ބުނީ އޭނާ އެންމެ ކަންބޮޑުވަނީ ހަމަލާތައް ސީދާ ބެއިރޫތަށް އަމާޒުވާން ފަށާފާނެތީ ކަމަށެވެ. ވަޒީފާ އަދާކޮށްގެން ލިބޭ ފައިސާ ސޫދާންގައި ތިބި އޭނާގެ އާއިލާއަށް ފޮނުވާކަމަށް ޔޫސުފް ބުންޏެވެ.
"އެމީހުން ދިރިތިބުމައްޓަކާ ފައިސާ ބޭނުންވޭ. އަހަރެން ލުބުނާނުގައި މިހުންނަނީ އެހެންވެ" އޭނާ ބުންޏެވެ.
"މިތަނުގެ ހާލަތު ގޯސްވެއްޖެޔާ އަހަރެން އެނބުރި ސޫދާނަށް ދާނީ ކަންނޭނގެ. ލުބުނާނުގަ އަހަރެން ބަރޯސާވާނެ މީހަކުނެތް. އެކަމަކު ސޫދާނަށް ގޮސް ކޮންމެވެސް ހާލެއްގައި އާއިލާއަށްޓަކައި އުޅެވޭނީ ދިރިހުރެގެންތާ. އެމީހުން އަހަންނަށް ބޭނުންވާނެ. އަހަރެން އެމީހުންނަށް ބޭނުންވޭ" ޔޫސުފް ބުންޏެވެ.
ދުޝްމަނަކީ އެކެއް
އަލްޖަޒީރާ އާ ވާހަކަދެއްކި ސީރިއާގެ ގިނަ ރައްޔިތުން ބުނީ ލުބުނާނުގެ ހާލަތު ކިތަންމެ ގޯސްވިނަމަވެސް އެމީހުން އެނބުރި ސީރިއާ އަށް ނުދާނެކަމަށެވެ. "އަހަންނަށް ހިޔާލަށް ނުގެނެވޭ މިތާގައި ދިރިއުޅުން އަލުން އާބާދުކުރުމަށްފަހު އަނބުރާ ސީރިއާ އަށް ދާނެ ގޮތެއް" ލުބުނާނުގައި އަންނައުނު ދޮވެދިނުމުގެ ހިދްމަތްދޭ ތަނެއް ހުޅުވައިގެން އުޅޭ 33 އަހަރު މުޙައްމަދު ބުންޏެވެ.
އޭނާ އިތުރަށް ބުނީ ސިރިއާއަށް އަނބުރާ ދިއުމުގެ ބަދަލުގައި އެތާތިބެ އިޒްރާއިލް އާ ދެކޮޅަށް ހަނގުރާމަކުރުން މާރަނގަޅުކަމަށް އޭނާއެކޭ އެއްފަދައި ސީރިއާއިން ހިޖުރަކޮށްފައިވާ ގިނަ މީހުން ދެކޭކަމަށެވެ.
"ކަލޭމެން ބަލާތި. އިޒްރާއިލް އިން ލުބުނާނަށް އަރައިފިއްޔާ ސީރިއާއިން ހިޖުރަކޮށް މިތާގައި ދިރިއުޅޭ ގިނަމީހުން ހަތިޔާރު ހިފައިގެން އެމީހުންނާ ދެކޮޅަށް ނިކުންނާނެ. އަހަރެމެންގެ ދިރިއުޅުމަކީ މިހާރު މީ. މިދިރިއުޅުން ހިމާޔަތްކުރަން އަހަރެމެން ނިކުންނާނެ. އެނބުރި ދިއުމެއްނެތް" މުޙައްމަދު ބުންޏެވެ.
"އިޒްރާއިލްއަކީ އިންސާނީ ދުޝްމަނެއް. އެމީހުން އިންސާނުން މެރުމުގައި ތަފާތެއް ނުކުރާނެ. އެއީ ލުބުނާނު މީހެއްތޯ ނޫނީ ސީރިއާ މީހެއްތޯއެއް ނުބަލާނެ. ލުބުނާނުގެވެސް ސީރިއާގެވެސް މިއޮތީ އެއް ދުޝްމަނެއް. އަހަރެމެން ގަބޫލުކުރަނީ އެހެން. އަހަރެމެން އެންމެން މިތިބީ ސާބިތުކަމާއެކު އެ ދުޝްމަނާ ދެކޮޅަށް ހަނގުރާމަކުރަން ޖެހިއްގެނަމަ ފަސްނުޖެހި އެކުގައި އެކަމާ ކުރިމަތިލުމަށް" އޭނާ ބުންޏެވެ.
ލުބުނާނަށް އިޒްރާއިލްގެ ނުރައްކާ ބޮޑުވެފައިވާއިރު ހިޒްބުالله ން ވެސް ބުނަނީ އިޒްރާއިލް އިން ޣައްޒާގެ އަށް ދެމުންގެންދާ ހަމަލާތައް ހުއްޓާނުލާނަމަ އެމީހުންވެސް ދޫދިނުމެއްނެތް ކަމަށެވެ. 2006 ވަނަ އަހަރު އިޒްރާއިލް އާއި ހިޒްބުالله އިން ކުރި 6 ހަފުތާގެ ހަނގުރާމައަށް ފަހު ހިޒްބުاللهގެ އަސްކަރީ ގާބިލިއްޔަތު ވަނީ ވަރަށް ބޮޑަށް އިތުކޮށްފައެވެ.
ރިއެކްޝަންސް