ޑެނީ އޮލްމޯ ބާސެލޯނާއަށް ރަޖިސްޓްރީ ނުކުރެވި ލަޕޯޓާގެ އިސްއުފާއަށް ގޮވާ އަޑު ގަދަވަނީ
ފާއިތުވި ހޫނު މޫސުމުގެ ޓްރާސްފަރ ގައި ބާސެލޯނާއަށް ގެނައި ސްޕެއިންގެ ފޯވާޑް ޑެނީ އޮލްމޯ އެކްލަބަށް ރަޖިސްޓްރީ ކުރަން ކުރި މަސައްކަތްތައް މިހާތަނަށް ވަނީ ނާކާމިޔާބު ވެފައެވެ. އެއާއެކު ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާގެ އިސްތިފާއަށް ބާސެލޯނާގެ ސަޕޯޓަރުންގެ ގްރޫޕްތަކުން ވަނީ ގޮވާލާފައެވެ.
ބާސެލޯނާއިން ޑެނީ އޮލްމޯގެ އިތުރުން ޕައު ވިކްޓޯ އެކްލަބަށް ރަޖިސްޓްރީ ކުރަން ކުރަމުންދާ މަސައްކަތުގައި އަދިވެސް އަލިމަގެއް ވަނީ ނުފެނިފައެވެ.
މައުލޫމާތު ލިބޭގޮތުގައި ސަޕޯޓަރުންގެ ގުރޫޕްތައް ހިމެނޭގޮތަށް ދިހަ ފަރާތަކުން ގުޅިގެން 'ސި އަލް ފިއުޗަރ' އިން ލަޕޯޓާގެ އިސްތިއުފާއަށް ވަނީ ގޮވާލާފައެވެ. އެމީހުން ޤަބޫލުކުރާގޮތުގައި އޮލްމޯ އާއި ވިކްޓަރ ގެ ރެޖިސްޓްރޭޝަން މައްސަލައިގެ ފަހަތުގައި ވަނީ ރައީސް ލަޕޯޓާގެ އިހުމާލެވެ.
މި ދިހަ ގްރޫޕުން ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ ލަޕޯޓާ އިސްތިއުފާ ނުދީފިނަމަ ބާސެލޯނާގައި އޭނާގެ ރައީސްކަމާ ދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓް ނަގާނެ ކަމުގައެވެ.
ހޮނިހިރު ދުވަހު ސްޕެނިޝް ފުޓްބޯޅާ ފެޑެރޭޝަނުން ދެވަނަ ފަހަރަށް ވަނީ އޮލްމޯ އާއި ވިކްޓަރ ރަޖިސްޓްރީކޮށްދެވެން ނެތްކަމަށް ބާސެލޯނާ އަށް އަންގާފައެވެ. މި ނިންމުމާއެކު ބާސެލޯނާއިން ވަނީ ފެޑެރޭޝަންގެ ނިންމުން ސްޕެއިންގެ ފުޓްބޯޅައާ ބެހޭ އެންމެ މަތީ ކޯޓު 'ކޮންސޭހޯ ސުޕީރިއޯ ޑި ޑިޕޯޓެސް (ސީއެސްޑީ) ގައި އިސްތިއުނާފު ކުރާނެކަން އިއުލާން ކޮށްފައެވެ.
ކުރިއަށް އޮތް ހަފުތާގައި ސްޕެނިޝް ސުޕަކޮޕާގައި ސައުދިއެރޭބިއާ އަށް ދަތުރުކުރާ ބާސެލޯނާގެ ސްކޮޑްގައި ދެކުޅުންތެރިންގެ ނަންވެސް ވަނީ ހިމަނާފައެވެ. ބާސާގެ ކޯޗު ހެންސީ ފްލިކް ޤަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ސީޒަނުގެ ފަހުބައިގައިވެސް އޮލްމޯ އަދި ވިކްޓަރ އަށް ބާސެލޯނާ އަށް ކުޅެވޭނެ ކަމުގެ ޔަޤީންކަން އޭނާއަށް އެބައޮތެވެ.
ނަމަވެސް 31 ޑިސެމްބަރާ ހަމައަށް ފެޑެރޭޝަނުން ބާސެލޯނާއަށް އެމީހުންނަށް ލަލީގާގެ ފައިނޭންޝިއަލް ފެއަރޕްލޭ ރޫލް އާ އެއްގޮތަށް އަމަލުކުރޭވޭނެކަން ސާބިތުކޮށްދޭން ދިން މުހުލަތު ވަނީ ހަމަވެފައެވެ. ދެވަނަ ފަހަރަށް ރެޖިސްޓްރޭޝަން ފެޑެރޭޝަނުން ޤަބޫލު ނުކުރީ ކްލަބަށް ފެޑެރޭޝަންގެ އެންގުމާ އެއްގޮތަށް އަމަލުކުރެވިފައި ނުވާތީ ކަމުގައި ފެޑެރޭޝަންގެ ނިންމުމުގައި ވެއެވެ.
60 މިލިއަން ޔޫރޯއަށް އާރުބީ ލެޕްޒިގްއިން މިދިޔަ ހޫނުމޫސުމުގައި ބާސެލޯނާއަށް ބަދަލުވި އޮލްމޯގެ އެއްބަސްވުމުގައި އޭނާ ކްލަބަށް ރަޖިސްޓްރީ ނުކުރެވިއްޖެނަމަ ސީޒަނުގެ ފަހުބައިގައި ހިލޭ ޓްރާންސްފަރ ގައި ކްލަބް ދޫކޮށްލެވޭނެކަން ބަޔާންކުރާ މާއްދާއެއް ހިމަނާފައި ވެއެވެ.
ފްލިކް ބުނެފައި ވަނީ އޮލްމޯ ވެސް ކްލަބުގައި މަޑުކުރަން ބޭނުންވާ ކަމަށާއި, ބާސެލޯނާއިންވެސް އޭނާ މަޑުކުރުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގައެވެ. އަދި ވިކްޓަރ އާއި އޮލްމޯ އާ ދެކުޅުންތެރިންނަކީ ވެސް ބާސާއަށް މުހިންމު ދެ ކުޅުންތެރިންކަމަށް ފްލިކް ބުނެފައި ވެއެވެ.
ރިއެކްޝަންސް