"އެމްއެސްއެމްއީ ޕިޗް" މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަހާ ގުޅުވައިގެން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކުރާ ޚާއްޞަ "އެމްއެސްއެމްއީ ޕިޗް" މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
މި މުބާރާތަކީ ބީސީސީ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް ގުޅިގެން، ޒުވާނުންގެ މެދުގައި އީޖާދީ ވިޔަފާރީގެ ވިސްނުން ކުރިއަރުވައި، އައު ޚިޔާލުތައް ހުށަހެޅުމަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ހަރަކާތެކެވެ. ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދާއިރާ ވަރުގަދަކޮށް، އައު ޖީލުގެ ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވުމަށް ވަކި އުމުރެއް ކަނޑައަޅާފައެއް ނުވެއެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ދެ މީހުންގެ ޓީމެއް އެކުލަވާލަންޖެހޭއިރު، ފުރުޞަތު ހުޅުވާލާފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 10 ޓީމަށެވެ. މުބާރާތުން އެއްވަނައަށް ހޮވޭ ޓީމަކަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ވިޔަފާރި ޚިޔާލުތައް ދައްކާލުމުގެ އިތުރުން، ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ހުނަރު ތަރައްޤީކޮށް، ދާއިރާގެ ތަޖުރިބާކާރުންނާ ބައްދަލުކޮށް މަޝްވަރާކުރުމަށް ލިބޭނެ ރަނގަޅު ފުރުޞަތެކެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބީސީސީގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޝާއިޢުކޮށްފައިވާ ކިއުއާރު ކޯޑު މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި، ޕްރައިވެޓް ސެކްޓަރ ކުރިއަރުވައި، ޒުވާނުންގެ އީޖާދީ ޚިޔާލުތައް ހަޤީޤީ ވިޔަފާރިތަކަށް ބަދަލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މި ހަރަކާތަކީ އެ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ރިއެކްޝަންސް





