މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުން  މައްސަލައަށް އަވަސް ޙައްލެއް ހޯދަނީ

މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުން މައްސަލައަށް އަވަސް ޙައްލެއް ހޯދަނީ

3 hours ago - 20:26
Advertisement
Advertisement

ރާއްޖޭގެ ގިނަ ރަށްތަކެއްގެ މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކަށް އަވަސް ޙައްލެއް ހޯދުމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މަސައްކަތް ފަށައިފިއެވެ.


އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވީ، ރަށްރަށުގެ މިސްކިތްތަކަށް ދާއިމީ އިމާމުން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވަނީ މިސްކިތްތަކުގެ އަދަދު އިތުރުވުމާއި، ބައެއް ރަށްރަށުގައި އިމާމުކަމުގެ ފެންވަރުހުރި މީހުން މަދުވުމުގެ ސަބަބުން ކަމަށެވެ. މިހާރު ގިނަ ރަށްރަށުގައި މިސްކިތްތައް ބަލަހައްޓަމުން ދަނީ ވަގުތީ އިމާމުންގެ އެހީތެރިކަމާއެކުގައެވެ.


މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން، އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން މި ދާއިރާއަށް ޝައުޤުވެރިވާ ކުދިންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. މީގެ އިތުރުން، އިމާމުކަމުގެ ރަސްމީ ކޯހެއް ފުރިހަމަކޮށްފައި ނެތް ނަމަވެސް، އެކަމުގެ ޤާބިލުކަން ހުރި ފަރާތްތަކަށް ޚާއްޞަ އިމްތިޙާނެއް ތަޢާރަފްކުރުމަށް ދަނީ މަޝްވަރާ ކުރެވެމުންނެވެ.


ވަޒީރު ވިދާޅުވި ގޮތުގައި، މިނިސްޓްރީން ކަނޑައަޅާ ވަކި މުޤައްރަރެއްގެ ދަށުން ކޮންމެ އަހަރަކު އިމާމުކަމުގެ ޢާއްމު އިމްތިޙާނެއް ބާއްވައި، އެ އިމްތިޙާނުން ފާސްވާ ފަރާތްތަކަށް އިމާމުކަން ކުރުމުގެ ޚާއްޞަ ހުއްދައެއް ދޫކުރުމަށް ވަނީ ރޭވިފައެވެ. މިކަމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރުމަށްފަހު، އަމަލުކުރާނެ ގޮތް ވަރަށް އަވަހަށް އިޢުލާން ކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިމާމުންގެ ފެންވަރު މަތިކުރުމަށާއި، އިމާމުންނަކީ މުޖުތަމަޢުގައި ޤަދަރުވެރި، އެކަށީގެންވާ އާމްދަނީއެއް ލިބޭ ބަޔަކަށް ހެދުމަށް ޚާއްޞަ އިސްކަމެއް ދީގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިމާމުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި ތަމްރީނު ފުރުޞަތުތައް އިތުރުކުރުން ހިމެނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement