
ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަންހެން ސައިންސްވެރިންނާއި ފަންނީ ތަޖުރިބާކާރުން މުހިއްމު: ރައީސުލްޖުމްހޫރިއްޔާ
ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަންހެން ސައިންސްވެރިންނާއި ފަންނީ ތަޖުރިބާކާރުންނާއި އިސްވާރުންގެ ދައުރު ވަރަށް މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް ނުވަތަ ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަންހެން ސައިންސްވެރިންނާއި ފަންނީ މީހުންގެ ތަޖުރިބާއާއި ލީޑާޝިޕް ވަރަށް މުހިންމު ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީ ހޯދުން ފަދަ ދާއިރާތަކުގައި އަންހެނުންގެ ދައުރުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.
ބައިނަލްއަޤުވާމީ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަ ކުރަނީ، ސައިންސްގެ ރޮނގުން އަންހެނުންނާއި އަންހެން ކުދިން ހޯދާފައިވާ މުހިންމު މަސައްކަތްތައް ފާހަގަކޮށް، އެކުދިންގެ ބައިވެރިވުމާއި، ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމާއި، ކުރިއެރުމާއި ކާމިޔާބީ ފާހަގަކޮށް، އެއްބާރުލުންދީ، ބާރުއެޅުމުގެ ގޮތުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ސައިންސާއި ސައިންސްގެ ދާއިރާއިން އަންހެނުންނާއި އަންހެން ކުދިން، އީޖާދީ އަދި ވިލުންތެރި ގޮތެއްގައި ބާރުވެރިކުރުވައި، މަސައްކަތްތެތިކަމުގެ ފަންނުތަކަށް އަންނަ ހަލުވި ކުރިއެރުމުގައި އަންހެނުންގެ ބައިވެރިވުން ކަށަވަރު ކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ސްކޮލަރޝިޕްތަކާއި ސްޓޫޑެންޓް ލޯން ސްކީމްތަކާއި ސައިންސް، ޓެކްނޯލޮޖި، އިންޖިނިއަރިންގ އަދި މެތަމެޓިކްސް، (ސްޓެމް)ގެ ދާއިރާގެ ކޯސްތަކުން ފުރަތަމަ ޑިގްރީގެ ހިލޭ އެހީގެ ނަތީޖާއެއްގެ ގޮތުން މި ޕްރޮގްރާމްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެ، ތަޢުލީމީ ދާއިރާގައި މިންތީގެ ފަރަގު ކުޑަކުރުމުގައި، ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒު، ނުވަތަ އެސް.ޑީ.ޖީއަށް ވާޞިލުވެވުމީ، ތަޢުލީމީ ދާއިރާގައި މިންތީގެ ހަމަހަމަކަމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ހާމަވެގެންދާ ކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ވޮކޭޝަނަލް ލެބްތަކާއި ކެރިއަރ ގައިޑެންސް ޕްރޮގްރާމްތައް މެދުވެރިކޮށް، މަސައްކަތުގެ ތަމްރީނުތައް އިތުރުކޮށް، އަންހެނުންނާއި އަންހެން ކުދިންނަށް ތަޢުލީމާއި މަސައްކަތް އުނގެނުމުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، މިހާރަށްވުރެ ބޮޑު ޖީލެއް ބާރުވެރިކުރުވައި، މިންތީގެ ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތް ކުރުމަކީ ދިވެހި ރާއްޖޭގެ އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ރިއެކްޝަންސް






