
މާލޭގައި މަސްދަޅުކޭސް ބަހަން ފަށާނީ މިމަހު 20 ގައި
މިމަހު 28 ގެ ނިޔަލަށް ބަހާނެ
މާލޭގައި މަސްދަޅުކޭސް ބަހަން ފަށާނީ މިމަހު 20 ވަނަ ދުވަހު ކަމަށް އެސްޓީއޯއިން ބުނެފިއެވެ. މާލެސަރަހައްދުގައި މަސްދަޅު ކޭސް ބެހުމުގެ ކަންކަން ހަވާލުކޮށްފައިވަނީ އެސްޓީއޯ އާއެވެ. އެކަމަކު ގޭބީސީތަކަށް ބެހުމުގެ ކަންކަން ކުރާނީ ސިޓީކައުންސިލުންނެވެ.
ކުރިއަށް އޮތް ރަމަޟާންމަހު ކޮންމެ ގޭބީސީއަށް މަސްދަޅު ކޭހެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވައުދެކެވެ. ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް އަތޮޅުތަކުގައި މިހާރު ވަނީ މަސްދަޅުކޭސް ބަހަން ފަށާފައެވެ. އަދި ބައެއް އަތޮޅުތަކަށް މަސްދަޅު ކޭސްތައް ގެންދިއުމުގެ ދަތުރުތައް ދަނީ ކުރަމުންނެވެ.
މާލޭގައި މަސްދަޅު ކޭސް ބަހަން އެސްޓީއޯއިން ނިންމާފައިވަނީ މިމަހު 20-28 އަށެވެ. އެއީ ރޯދަމަސް ފެށުމާ ހަމައަށެވެ. މަސްދަޅުކޭސް ބަހަނީ މެންދުރުފަހު 2:30-18:00 އަށް އަދި 20:30-23:00 އަށެވެ.
މަސްދަޅުކޭސް ދޫކުރާނީ ކަރަންޓް މީޓަރަށް ބަލައިގެންނެވެ. އައިޑީކާޑާއި ފޯން ނަމްބަރު ނޯޓް ކުރާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. މާލެ ސަރަހައްދުން މަސްދަޅު ކޭސް ދޫކުރަން ހަމަޖެހިފައިވަނީ މާލެ ސިޓީ ކައުންސިލްގެ ޢާއްމު ޚިދުމަތްތަކާބެހޭ ބަޔާއި, މިފްކޯ އޮފީސް ކޮމްޕައުންޑާއި, ވިލިމާލެ ކައުންސިލް އޮފީހާއި, ހުޅުމާލެ އެކެއްގައި ހުންނަ އުމަރު ޒާހިރު އޮފީސް ބިލްޑިންގާއި, ހުޅުމާލެ 2 ގެ ހިޔާ ޓަވަރުގައި ހުންނަ ޔޫތް ސެންޓަރުންނެވެ.
ހަދިޔާކުރަނީ ދައުލަތުގެ ނިޝާންޖެހި މަސްދަޅު ކޭހެވެ. އެއީ 48 ދަޅުގެ ކޭހެވެ.
ރިއެކްޝަންސް






