ރައީސެއްގެ އެކައުންޓްގައި 100 ނުވަތަ 200 މިލިއަން ރުފިޔާ ހުރިނަމަ ރައްޔިތުން ޝައްކު އުފައްދާނެ- ފަލާހު
ޔާމީނުގެ އެކައުންޓްގައި ހުރި ފައިސާއާމެދު ޝައްކު
ރައީސެއްގެ އެކައުންޓްގައި 100 ނުވަތަ 200 މިލިއަން ރުފިޔާ ހުރިނަމަ ރައްޔިތުން ޝައްކު އުފައްދާނެ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ކުރީގެ ރައީސް ޔާމީނަށް ފާޑުވިދާޅުވަމުން ފަލާހު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ އެކައުންޓްގައި މިހާރު ދައުލަތުގެ އެއް އަހަރުގެ ބަޖެޓަށް ވާވަރަށް ފައިސާ ހުރި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެވާހަކަ ދައްކަވަނީ ޔާމީނުގެ އަރިހުގައި އުޅުއްވާ ބޭފުޅުން ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ ރާއްޖޭގެ އެކައުންޓްގައި 300 މިލިއަން ރުފިޔާ ހުރިކަމަށް އެމަނިކުފާނުގެ ފުރަތަމަ ނައިބުރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވި ކަމަށާއި, އަދި ރައީސް ޔާމީނުގެ ސިންގަޕޯރުގެ އެކައުންޓްގައި 300 މިލިއަން ޑޮލަރު ހުރި ކަމަށް ކުރީގެ މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލު ވިދާޅުވިކަން ފާހަގަކުރައްވާ ފަލާހު ވިދާޅުވީ އެކަމަށް ބާރުލިބޭ ގޮތަށް ޔާމީނުވެސް ވާހަކަދައްކަވާފައިވާ ކަމަށެވެ.
"މިކަމުގައި އަޅުގަނޑުގެ ހިތުގައިވެސް ޝައްކުތަކެއް އުފެދިއްޖެ. އެބޭފުޅުން (މަލީހު/ޖަމީލް) އެވާހަކަ ދައްކަވާފަ ހުއްޓާ ރައީސް ޔާމީނުގެ މައްޗަށް ހިންގުނު ބޮޑަތި ޝަރީއަތްތަކެއްގައި އެމަނިކުފާނު ދުލުން އެބަހުރި އިއުތިރާފްވެފަ އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރީ ކެމްޕެއިނަށް އެމަނިކުފާނަށް ލިބުނު ފައިސާ ކަމަށް"
ނަމަވެސް ފަލާހު ވިދާޅުވީ އެއެކައުންޓް ތަކަކީ ފައިސާ ނެގޭ އެކައުންޓްތަކެއް ނޫން ކަމަށެވެ. އެއެކައުންޓްތަކަކީ އަބަދުވެސް ޖަމާކުރެވޭ, ފައިސާ މަދުނުވާ އެކައުންޓްތަކެއް ކަމަށް ވިދާޅުވިއެވެ. ޤާނޫނާއި ގައިވާއިދު ތަކުގެ ދަށުން ނަމަ ޕާޓީއެއްގެ ކެމްޕެއިނަށް ދޭފައިސާ ހުންނަންވާނީ އެޕާޓީއެއްގެ އެކައުންޓްގައި ކަމަށް ވިދާޅުވިއެވެ.
ރިއެކްޝަންސް