ކުރީ ސަރުކާރުގެ ވިސްނުމަކީ ތިނަދޫގައި މިހާރު ހުރި ހޮސްޕިޓަލްގެ ބަދަލުގައި އާ ހޮސްޕިޓަލެއް އަޅަން- މިނިސްޓަރ ޚަލީލް
އާ ހޮސްޕިޓަލެއް އެޅުމަކީ ބިލިއަން ރުފިޔާ ބޭކާރުކޮށްލުން
ކުރީ ސަރުކާރުގެ ވިސްނުމަކީ ތިނަދޫގައި މިހާރު ހުރި ހޮސްޕިޓަލްގެ ބަދަލުގައި އާ ހޮސްޕިޓަލެއް އަޅަން ކަމަށް ހެލްތް މިނިސްޓަރ ޑރ.އަބްދުالله ޚަލީލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ތިނަދޫގައި އަޅާ ޓާޝަރީ ހޮސްޕިޓަލާ ގުޅޭގޮތުން ތިނަދޫ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ މިދިޔަ ސަރުކާރުން ކުރެހުމެއް ކުރަހާފައި އޮތް ކަމަށެވެ. އެކަމަކު އެސަރުކާރުގެ ވިސްނުމަކަށް އޮތީ މިހާރު ތިނަދޫގައި ހުރި ބިލިއަން ރުފިޔާގެ ފެސިލިޓީ ދޫކޮށްލުމަށްފަހު އާ ހޮސްޕިޓަލެއް އެޅުން ކަމަށެވެ. އެއީ އެންމެ ރަނގަޅު ގޮތްތޯ ތިނަދޫގެ ބައެއް ރައްޔިތުންނާ މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވިއެވެ. ތިނަދޫ ރައްޔިތުން ބޭނުންވަނީ މިހާރު ހުރި ފެސިލިޓީއާއެކު ޚިދުމަތް ފުޅާކުރަން ކަމަށެވެ. އެތަނުގައި ވަރަށްފަހުން ގާއިމްކޮށްފައި ހުރި ޚިދުމަތްތައްވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ.
"ބިލިއަނެއްހާ ރުފިޔާ ބޭކާރުކޮށްލާއިރު މިއީ ރައްޔިތުންގެ ފައިސާ. އެކަން އަޅުގަނޑުމެން ކުރާނީތޯ, ކޮށްފަ އެތަން ބޭކާރު ތަނަކަށް އަޅުގަނޑުމެން ހަދާނީތޯ. ނުވަތަ އަނެއްކާ އަނެއް ބިލިއަން ރުފިޔާ ޚަރަދު ކޮށްފަ އަނެއް ހޮސްޕިޓަލަކާ ދިމާއަށް ދާނީތޯ"- ހެލްތް މިނިސްޓަރ
މިނިސްޓަރ ވިދާޅުވީ މިސަރުކާރުގެ މުޅި ސިއްހީ ނިޒާމް ބިނާކުރަމުންދަނީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ކަމަށެވެ. ތިނަދޫގައި ބިން ފާހަގަކޮށް, އެބިމަށް ފެތޭގޮތަށް އިމާރާތް ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. ފަންޑިންގ ހޯދުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ކަމަށާއި, މިއަހަރު ފަހުކޮޅު އިމާރާތުގެ މަސައްކަތް ފެށުމުގެ ފުރުޞަތު އެބައޮތް ކަމަށް ވިދާޅުވިއެވެ.
ރިއެކްޝަންސް