މޭ މަހުގެ މުސާރަ މި މަހުގެ 28 އާއި 31 ގައި ޖަމާކުރަނީ
ހިނގަމުންދާ މޭ މަހުގެ މުސާރައާއި އިނާޔަތްތައް މި މަހުގެ 28 ވަނަ ދުވަހާއި 31 ވަނަ ދުވަހު މުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާކުރުމަށް ހަމަޖެހިފައިވާކަމަށް މާލީ ކަންކަމާއި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ސަރުކާރުގެ ބައެއް އިދާރާތަކުގެ މުވައްޒަފުންނަށް މުސާރަ ޖަމާވުން ލަސްވަމުންދާތީ މީޑިޔާއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މާލީ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ، މުސާރަ ދޫކުރުމުގެ ކަންކަން މި ދެ ދުވަހަށް ތަރުތީބުކުރީ އަޟްޙާ ޢީދުގެ ބަންދުގެ ތެރޭގައި ބޭންކުތައް ހުޅުވާފައި ހުންނަ ދުވަސްތަކަށް ރިއާޔަތްކޮށްގެން ކަމަށެވެ.
މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ސަރުކާރު އޮފީސްތައް ބަންދުކޮށްފައިވާއިރު، ބަންދު ދުވަސްތަކުގެ ތެރެއިން ބޭންކުތައް ހުޅުވައި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވާ ބުރާސްފަތި ދުވަހުއެވެ. އަދި ބަންދު ނިންމުމަށްފަހު ސަރުކާރު އޮފީސްތައް ރަސްމީކޮށް ހުޅުވޭނީ މޭ މަހުގެ 31 ވަނަ ދުވަހުއެވެ.
"ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުން ކޮންމެ މަހެއްގެ މުސާރަ ދޫކުރަންޖެހެނީ އެ މަހެއްގެ ރަސްމީ ބަންދު ނޫން ފަހު ތިން ދުވަހުގެ ތެރޭގައި. އެހެންކަމުން މެއި މަހުގެ މުސާރަ އާއި އިނާޔަތްތައް ދޫކުރާނީ 28 އަދި 31 މެއިގައި،" މާލީ ވުޒާރާގެ އޮފިޝަލް ވިދާޅުވިއެވެ.
މާލީ ވުޒާރާއިން އިތުރަށް ބުނެފައިވަނީ، މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދޫކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.
ރިއެކްޝަންސް





