މާލެ ސަރަހައްދުގައި އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރަނީ
މި އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި، އާއިލާތަކަށް އުފާވެރި އަދި އެކުވެރި މާހައުލެއްގައި ޢީދު ފާހަގަކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން "ޢީދު ހަވީރު 1447" ގްރޭޓާ މާލެ ސަރަހައްދުގައި ވަރަށް ކުލަގަދަކޮށް ބޭއްވުމަށް ވަނީ ނިންމާފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) އިން އިންތިޒާމުކުރާ މި ހަރަކާތުގައި، ސިފައިންނާއި ފުލުހުންގެ އިތުރުން ދައުލަތުގެ 10 ކުންފުންޏަކުން (އެސް.އޯ.އީ) ބައިވެރިވާނެއެވެ.
މާލޭގައި ޢީދު ހަވީރުގެ ހަރަކާތްތައް ކުރިއަށްދާނީ މޭ 27 އިން 29 އަށް، ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ސަރަހައްދާއި، ޖުމްހޫރީ މައިދާނުގެ އިތުރުން ރަސްމީ ފާލަން ސަރަހައްދުގައެވެ. މި ސަރަހައްދުތަކުގައި ވޯޓާ ފައުންޓެއިން، ފޯމް ބާތު، ރެޕެލިންގް އަދި ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ ހަތިޔާރާއި އުޅަނދުތައް ދައްކާލުމުގެ އިތުރުން، އެ ތަކެއްޗާއެކު ފޮޓޯ ނެގުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާނެއެވެ. މީގެ އިތުރުން، މޭ 28 ވަނަ ދުވަހު އެމް.އެން.ޑީ.އެފް އާޓްސް އެންޑް ސެރެމޯނިއަލް ސާވިސްގެ ފަރާތުން ހާއްސަ ހުށަހެޅުންތަކެއް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
ހުޅުމާލޭގައި ވެސް މި ތިން ދުވަހު ސެންޓްރަލް ޕާކާއި، ފޭސް 2 ގެ ހިޔާ ޕާކް ސަރަހައްދުގައި ތަފާތު ހަރަކާތްތައް ކުރިއަށްދާނެއެވެ. ސެންޓްރަލް ޕާކުގައި ރެޕެލިންގް، ވޯޓާ ސްލައިޑިންގ އަދި ފޯމް ބާތު ފަދަ ހަރަކާތްތައް އޮންނައިރު، ހިޔާ ޕާކުގައި އަލިފާން ނިއްވާ އާލާތްތައް ދައްކާލުމާއި ޓޭބަލް ލެޑާ އަށް އެރުން ފަދަ ކަންކަން ކުރިއަށްދާނެއެވެ.
ވިލިމާލޭގައި މި ހަރަކާތްތައް ކުރިއަށްދާނީ މޭ 27 އިން 30 އަށް، ވިލިމާލެ ފުޓްބޯޅަ ދަނޑުގައެވެ. މިތަނުގައި ރެޕެލިންގް އާއި އޮބްސްޓިކަލް ކޯސްތަކުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ތަފާތު ކުޅިވަރުތައް އިންތިޒާމު ކުރެވިފައިވާނެއެވެ.
ކޮންމެ ދުވަހަކުވެސް "ޢީދު ހަވީރު" ގެ ހަރަކާތްތައް ކުރިއަށްދާނީ ހަވީރު 16:00 އިން 18:00 އަށެވެ. މި ހަރަކާތުގައި ބައިވެރިވާ ކުންފުންޏަކީ ސްޓެލްކޯ، އެމް.ޑަބްލިޔު.އެސް.އީ، ވެމްކޯ، އެމް.ޕީ.އެލް، އެމް.ޓީ.ސީ.ސީ، އެމް.އޭ.ސީ.އެލް، މިފްކޯ، އާރު.ޑީ.ސީ، އެޗް.ޑީ.ސީ އަދި އެފް.ޑީ.ސީ އެވެ.
ރިއެކްޝަންސް





